ޕީޕީއެމް / ޕީއެންސީ އިން ހުކުރު ދުވަހު (12/2/2021) ގައި ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ ހަތާވީސް އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު އަނެއްކާވެސް ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލިޝަނުން ދީފިއެވެ.

އެ ކޯލިޝަނުން މިގޮތަށް އިންޒާރު ދީފައިވަނީ މިއަދު ނެރުނު ހާއްސަ ނޫސް ބަޔާނެއްގައެވެ. މިއީ، "މަގޭ ފްލެޓް ކޮބާ" މި ނަމުގައި އެ ކޯލިޝަނުން މިއަދު ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން މަސަައްކަތް ކޮށްފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ނޫސް ބަޔާނެކެވެ.

ބަޔާނުގައި ބުނެފައިވަނީ އެ ކޯލިޝަނުން މުޒާހަރާ ކޮށްފައިވަނީ ގާނޫނު އަސާސީއިން ލިބިދޭ ހައްގުގެ ބޭނުން ހިފައިގެން ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެހެންނަމަވެސް، މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް، ޕެޕަރ ސްޕްރޭޖަހައި، ބޫޓުން ތަޅައި، އަނިޔާކޮށްފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށާއި، އެ ފަރާތްތަކަށް ކޯލިޝަންގެ ބެލުމުގެ ދަށުން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޕާޓީގެ އިސްވެރިންވެސް ހިމެނޭކަމަށް ކޯލިޝަނުން ވަނީ ބުނެފައެވެ.

މުޒާހަރާކުރީ ޤާނޫނު އަސާސީން ލިބިދޭ ހައްޤެއްގެ ދަށުންކަމަށް އިދިކޮޅު ކޯލިޝަނުން ބުނިއިރު، ޤާނޫނު އަސާސީން ބާރު ލިބި، ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ވަނީ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، ނިމުނު އަހަރުން ފެށިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދާ އެއްގޮތަށް، ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބިލްކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން ވަނީ ބަލިން ރައްކާތެރިވުމުގެ އުސޫލުތައް އުކުލަވާލާފަ އެވެ. ހާލަތަށް ބަލައި، އުސޫލުތަކަށް ބަދަލު ގެންނައިރު ދުނިޔޭގެ އެހެން ހުރިހާ ޤައުމެކޭ އެއްގޮތަށް ބަލީގެ ތިން ވަނަ ރާޅާއެކު ނުރައްކާ އިތުރުވެފައިވާތީ ފިޔަވަޅުތައް ހަރުކަށިިކޮށް މުޒާހަރާކުމާއި، އެއްވެ އުޅުން ވަނީ ޤާނޫނު އަސާސީގެ ދަށުން ބާރު ލިބި، ޤާނޫނުގެ ތެރެއިން ވަގުތީގޮތުން މަނާކޮށްފަ އެވެ.

އިތުރަށް ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންނަށް އަނިޔާކޮށްގެން މާ ގިނަ ދުވަހަކު ވެރިކަމުގައި ރައީސް ސޯލިހަށް ނުހުންނެވޭނެ ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުންވެސް ރައްޔިތުންނަށް އަނިޔާކުރުމުން، އެ ވެރިކަން ވެއްޓުނު ކަމަށާއި، މި ސަރުކާރުގެ އަމަލުތައް ބަދަލުނުކުރާނަމަ ރައީސް ޞާލިހަށްވެސް އެފަދަ 'ލަދުވެތި ނިމުމެއް' ކުރިމަތި ވެދާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަނުން މިގޮތަށް ބުނެފައިވާއިރު، އެ ކޯލިޝަނުން މިއަދު މުޒާހަރާކޮށްފައިވަނީ އެޗްޕީއޭގެ ގައިޑްލައިންސްތަކާއިވެސް ހިލާފަށެވެ. އެގޮތުން، ރާއްޖޭގައި މިހާރު ފެތުރެމުންދަނީ ކޮވިޑްގެ މިހާތަނަށް އައި އެންމެ ނުރައްކާތެރި ރާޅުކަމަށް ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ވީހާވެސް ގިނަ ފަރާތްތަކުން ގޭގައި މަޑުކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

މި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ފުލުހުންގެ މީހަކަށްވެސް އަނިޔާވެފައިވެއެވެ. މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ސަފުތައް ފޫ އަޅުވާލައި، ފުލުހުންގެ އަމުރައް ނުކިޔަމަންތެރިވެފައެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.