މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 50،989 އަކަށް އަރައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި މައުލޫމާތުތަކުން އެނގޭގޮތުގައި، ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 121،694 ފަތުރުވެރިންވަނީ ރާއްޖެ އައިސްފައެވެ. އަދި އެމީހުން ރާއްޖޭގައި މަޑުކުރި މުއްދަތަކީ 9.1 ދުވަސް ކަމަށް މިނިސްޓްރީން ބުންނެވެ.
2021 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކޮށްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ. ރަޝިއާއިން މިއަހަރު 27،041 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 26،292 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވެއެވެ.
މީގެއިތުރުން ޔޫކްރެއިންއިން 8،867 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވާއިރު ކަޒަކިސްތާނުން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 5،848 ފަތުރުވެރިންނެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، ރާއްޖެ ވެެގެން ދިޔައީ މިކަމުގެ އެންމެ ބޮޑު އަސަރުތަކެއް ކުރި އެއް ގައުމަށެވެ. މިކަމާއި ގުޅިގެން ހެދުނު ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމަކީ 2004 ވަނަ އަހަރުގެ ސުނާމީއާއި ގުޅިގެން އައި އިގްތިސާދީ ހީނަރުކަމަށް ފަހު އައި އެންމެ ބޮޑު ލޮޅުމެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން ނެގި އަވަސް ފިޔަވަޅުތަކާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ، ވަނީ ކުރިއަރަން ފަށާފައެވެ.