މިހާރު ހުރިހާ ނޫސްތަކެއްގެ ސުރުޚީ ޙިޞޯރުކޮށްގެން އުޅޭ " ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން" ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އަދި މިކަމަށް ކަނޑައަޅާ އަދަބަކީ އެފަދަ މީހުން ރައްޔިތުގެ ކުރިމަތީގައި ދަންޖެއްސުންކަމަށް ހެދުމަށް، ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ. މިކަމަށް ޖާބިރު ގޮވާލެއްވީ މި އަދަބު ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލިސްގެ ޚާއްސަ ޖަލްސާއެއް ބޭވުމަށް އެދި، ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ލެޓަރހެޑްގައި ލިޔުއްވާ، މަޖިލިސްގެ ރައީސަށް ފޮނުއްވި ސިޓީގައި އެއްގައެވެ.
މިސިޓީގައި ޖާބިރު އެދި ވަޑައިގަތީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ އަދަބު ބުނެވި ދިޔަ ފަދައިން ބަދަލު ކުރުމަށް ހުރިހާ މެމްބަރުން އެއްބާރުލުން ދެއްވުމަށެވެ. އަދި މިކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ކަމާގުޅޭ ހުރިހާ މުއައްސަސާތަކާއި ދިވެހި ދައުލަތުގެ މައްޗަށް އަސަރާއި އެކު ހަރުއަޑުން ގޮވާލާކަމަށް ޖާބިރުގެ ސިޓީގައި ވެއެވެ.
ޖާބިރު ފާހަގަ ކުރެވިފައި ވަނީ އިޖުތިމާއީ މިފަދަ މައްސަލަ ތަކުގައި އަވަހަށް އަދި ރައްޔިތުންގެ ހައްގުގައި ބަސްބުނަން ފަސްނުޖެހޭ މެމްބަރެއްގެ ގޮތުގައެވެ.