އުރީދޫ މޯލްޑިވްސްގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މީގެ ކުރިން އިއްޔެގެ ނިޔަލަށް ހުޅުވާލާފައި އޮތް އެ ފުރުސަތު، އުރީދޫއިން އިތުރުކޮށްފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ (25 ޖެނުއަރީ) ހެނދުނު 10:00 ގެ ނިޔަލަށެވެ.
އުރީދޫއިން ބުނި ގޮތުގައި، އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލެވޭނީ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށެވެ
އަދި ޑިރެކްޓަރަކަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ކުންފުނިތަކާ ބެހޭ ގާނޫނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބަޔާންކޮށްފައިވާ، ހިއްސާދާރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާންޖެހޭ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫގެ ޑިރެކްޓަރަކަށް ވުމުގެ ބައެއް ޝަރުތުތައް
- ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔުނިވާސިޓީއަކުން ޑިގްރީ ފާހެއް ހާސިލުކޮށްފައިވާ މީހަކަށް ވުން
- ރާއްޖެ ނުވަތަ ބައިނަލްއަގުވާމީ ކުންފުންޏެއްގެ އިސް މަގާމެއްގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައި ވުމާއެކު މަދުވެގެން އެއް އެކްޓިވް ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށް އެ ޚިދުމަތުގެ ރެކޯޑު ފެންނަން އޮންނަން ޖެހުން
އުރީދޫއިން ބުނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި މިވަގުތު ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށްވުރެ ގިނަ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުގައި ހުރި ފަރާތަކަށް މަގާމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.