ރައީސް ޔާމީން އަދި އަދުރޭ

މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަދަލުގައި އުމުރު ދުވަހު ވެސް ޖަލުގައި އޮންނަން ތައްޔާރުކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އެޗްޕީއޭގެ އެންގުންތަކާއި ޚިލާފަށް މިއަދު ހަވީރު ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިންނެވެ. އެ މުޒާހަރާގެ ތެރެއިން އަދުރޭ ވިދާޅުވީ އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރިއިރު އަސްހަދު އަލީ (އަޑުބަރޭ) އަށް ޖާމިނު ވެފައިވާ ކަމަށާއި އެހެންކަމުން ރައީސް ޔާމީންގެ ބަދަލުގައި ޖަލުގައި އޮންނަން ތައްޔާރު ކަމަށެވެ.

އަދި އުމުރު ދުވަހު ވެސް ޖަލުގައި އޮންނަން ތައްޔާރު ކަމަށާއި ރައީސް ޔާމީންގެ އޮތްތަނުގައި އޭނާ ބާއްވަފައި ރައީސް ޔާމީން ގެޔަށް ބަދަލުކުރުމަށް ގޮވާލާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ޖިންސީ ކުށުގެ ހަތް ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން ބޭސްފަރުވާއަށް ފުރިއިރު އޭނާއަށް ޖާމިނުވީ އަޑުބަރޭއެވެ. އަލީ ވަހީދު ފުރުވާލުމުގައި ސަރުކާރުގެ އަތެއްވާ ކަމަށް ބުނެ އިދިކޮޅުގެ މެމްބަރުންގެ އިތުރުން އާއްމުންގެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރު އަމާޒުވެފަ އެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ކޮވިޑް-19 ގެ ކޭސްތައް މާލެ ސަރަހައްދުގައި ހިފެހެއްޓުމެއް ނެތި އިތުރުވަމުންދާ ދަނޑިވަޅެއްގައި ކޮންމެ ދުވަހަކު ވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ އެއްވެސް ގައިދުރުކަމެއް ނެތި މަގުތައް މައްޗަށް އެއްވަމުންނެވެ. މިކަމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވެސް ވަނީ އެފަރާތްތަކަށް އަމާޒުވެފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.