ހދ. ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅި ފަރުވާހޯދަމުންދާ މުޙައްމަދު ޒާހިރު އިތުރުފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމަށް އޭނާއަށް ފަރުވާ ދިން ޑޮކްޓަރުން ލަފާދީފިއެވެ.

މުހައްމަދު ޒާހިރަށް އަނިޔާވެ، ހާލު ސީރިއަސްވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ވައިކަރަދޫގައި ދެ ސައިކަލެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައެވެ. އެ އެކްސިޑެންޓްގެ ސަބަބުން އުމުރުން 48 އަހަރުގެ ޒާހިރުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ.

ޒާހިރު އިތުރު ފަރުވާއަށް މާލެ ގެނެސް ފުރަތަމަ ފަރުވާދީފައިވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދީފައެވެ. ޒާހިރު ބެލި ޑޮކްޓަރުން ވަނީ އިތުރު ފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ގެންދިޔުމަށް އިރުޝާދު ދީފައެވެ. އެހެންކަމުން އޭނާގެ އާއިލާއިން އަންނަނީ ޒާހިރު ބޭރަށް ގެންދިޔުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ޒާހިރުގެ ބޭސް ފަރުވާ އާސަންދައިން ހަމަ ޖެހުނު ނަމަވެސް، އާސަންދައިން ހަމަ ނުޖެހޭ ބޮޑެތި ޚަރަދުތަކެއް މިކަމަށް ހޭދަވާނެތީ ޒާހިރުގެ އާއިލާއިން ވަނީ ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމަށް ނުހަނު ބޭނުންވެފައެވެ. ޒާހިރުގެ ފުރާނަ ސަލާމަތްކުރުމަށް އޭނާއަށް ކުޑަނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

ޒާހިރުއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންފުޅު ފަރާތްތަކުން ފައިސާ އާއި ޑޮލަރު ޖަމާކުރައްވާނީ:

  • ޑޮލަރު އެކައުންޓް: 7704255195102 (މުހައްމަދު ޒާހިރު)
  • ރުފިޔާ އެކައުންޓް: 7706340923101 (އަލީ އާމިރު)

ޒާހިރުއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ނަސީރާ މުހައްމަދު، ފޯނު: 7712386 ނުވަތަ އަލީ އާމިރު، ފޯނު: 9912541/7912542 ނުވަތަ ފާތިމަތު އިބްރާހިމް 7832598 ނަންބަރު ފޯނާއި ގުޅުއްވުން އާއިލާގެ ފަރާތުން އެދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *