އިނގިރޭސި ޝާޙީ އާއިލާގެ ތެރޭގައި ގެންގުޅޭ ތަފާތު ކުރުން ތަކާއި، ޝާހީ އާއިލާއިން އިނގިރޭސި މީޑިޔާތަށް ކޮންޓްރޯލް ކުރާކަން މިއީ ވަރަށް ގިނައިން އިވޭ އަޑުތަކެވެ. ރާނީ ހިތްޕުޅާނުވާ މީހެއް ނަމަ އެމީހެއްގެ ތަޞައްވުރު ބަދަލުކޮށްލަން މީޑިޔާ ބޭނުންކުރާ ކަމުގެ އެންމެ ބޮޑު ހެކި ފެނިގެން ދިޔައީ ޑަޔާނާއާއި ޗާރްލްސްގެ ކައިވެނީގެ އެންމެފަހު ދުވަސްކޮޅުން ފެށިގެންނެވެ.
ޝާހީ އާއިލާއާއި މޭގަން ގުޅުން ހިސާބުންފެށިގެންވެސް، މޭގަން އަކީ ބީރައްޓެއްސެއްގެ ގޮތުގައި މީޑިޔާއިން ވަނީ ލޭބަލް ކޮށްފައެވެ. މޭގަންގެ މަންމައަކީ ކަޅު ނަސްލުގެ މީހަކަށް ވުމުން އެ ތަފާތުކުރުންވެސް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އޮއްވާ، ކޮންމެ ކަމަކާއި ގުޅުވައިގެން މޭގަން އާއި ކެތަރިން އަޅާކިޔުން ވެގެން ގޮސްފައިވަނީ، ހެރީއަށް ކެތްކުރަން އުނދަގޫވި ކަމަކަށެވެ. އެހެން ކަމުން ހެރީ ޝާހީ އާއިލާއާއި ވަކި ވާން ނިންމި ކަމަށް އިޢުލާން ކުރުމުގެ ކުރިންވެސް ބައެއް މީޑިޔާތަކުން ވަނީ މިކަން މިހެން ވެދާނެކަން ލަފާކޮށްފައެވެ.
އެންމެ ފަހުން ހެރީގެ ދެމަފިރިން މި ނިންމުން ނިންމާ އާއްމުންގެ ކުރިމައްޗަށް ތާރީޚާއިއެކު ހުށައެޅީ ރޭގައި، ލަންޑަންގެ ރެސްޓޯރެންޓެއްގައި އޮތް ހަފްލާއެއްގެއެވެ. ހެރީގެ މި ނިންމުމަކީ އިތުރު އެއްވެސް ގޮތެއް ނެތިގެން ނިންމި ނިންމުމެއް ކަމަށް ހާމަކުރުމުން، އިނގިރޭސީ ނޫސްވެރިޔާ ޕިއަސް މޯގަން ވަނީ، ހެރީ ދެއްކި ވާހަކައިގެ ކޮންމެ ޖުމްލައަކަށް ވަކި ވަކިން ޖަވާބު ދީފައެވެ. އަދި ޖުމްލަ ގޮތެއްގައި މޯގަން ބުނީ ހެރީގެ މި ނިންމުމަކީ ގޮތް ހުސްވެގެން ނިންމި ނިންމުމަކަށް ވުރެ، ޝާހީ ކައިވެންޏާއި އެކު ހުއްޓިފައިވާ މޭގަންގެ ފިލްމީ ކެރިއަކު އަލުން ފެށުމަށްޓަކައި އެކަމަށް އެއްބާރުލުން ދިނުމަށް ހެރީ ނިންމި ނިންމުމެކެވެ.
ހެރީގެ ދެމަފިރިން އިނގިރޭސި ވިލާތް ދޫކޮށްދާނީ މިއަހަރު މާރޗްމަހު ފަހުކޮޅު، ކެނެޑާއަށެވެ. އަދި މި ނިންމުމާއި އެއްގޮތަށް އިނގިރޭސި ވިލާތް ދޫކޮށްލާ ހިސާބުން ޝާޙީ އާއިލާއިން އަރުވާފައިވާ ލަގަބު އަދި މާލީ އެހީ ބަންދުވާނެއެވެ. ހެރީ މިހުރިހާކަމަކަށް ވުރެ އިސްކުރީ މޭގަންގެ އުފަލާއި ޒަވާޖީ ހަޔާތުގެ ހަމަޖެހުމެވެ.