ހިސާން ވިދާޅުވީ ވަކި މައްސަލައެއް ބަލަމުންދާ ފަނޑިޔާރަކަށް ވާތީވެ އެ ފަނޑިޔާރެއްގެ މައްސަލަ ބަލަނީ ކަމަށް ބުނެ ކޮމިޝަނަށް ހުށައެޅޭ ޝަކުވާތަކާއި މެދު ވަކި ނުބައި ތަސައްވަރެއް އުފައްދަން ބަޔަކު މަސައްކަތްކުރާ ކަމަށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަ ބަލަނީ ފަނޑިޔާރުގެ ނަމަކަށް ބަލާފައި ނޫން ކަމަށާއި، ކޮމިޝަނުން ބަލަނީ ހުށައެޅިފައިވާ ޝަކުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީ ތަމްސީލު ކުރައްވާ ތުޅާދޫ ދާއިރާގެ އެމްޑީޕި މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
"ސީއެންއެމް" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ވަކި މައްސަލައެއް ބަލަމުންދާ ފަނޑިޔާރަކަށް ވާތީވެ އެ ފަނޑިޔާރެއްގެ މައްސަލަ ބަލަނީ ކަމަށް ބުނެ ކޮމިޝަނަށް ހުށައެޅޭ ޝަކުވާތަކާއި މެދު ވަކި ނުބައި ތަސައްވަރެއް އުފައްދަން ބަޔަކު މަސައްކަތްކުރާ ކަމަށެވެ.
ހިސާން އެ އިޝާރާތް ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މައްސަލަތައް އަވަސް އަރުވާލައިގެން ބަލަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ބުނުމަށެވެ.
ޔާމީން އަށް އެންމެ ފުރަތަމަ ހުކުމް ކުރަން އޮތް ދުވަހު މަނީލޯންޑްރިންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒި އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާއި އެކު ޖޭއެސްސީން ވަކި ކަހަލަ ހުކުމެއް ނެރެން އުޅޭ ކަމަށް ބުނެ އިދިކޮޅުގެ އިނގިލި އެ ކޮމިޝަނަށް އަމާޒުވި އެވެ.
އެކަމަކު ހައިލަމް ސަސްޕެންޑްކުރީ ކްރިމިނަލް ކޯޓުގެ ވައިބަރ ގްރޫޕެއްގައި ފަނޑިޔާރުންގެ ސުލޫކަށް އަސަރުކުރާ ފަދަ ފޮޓޯއެއް ހިއްސާ ކުރައްވައިގެންނެވެ . އޭގެ ފަހުން އިދިކޮޅުން ދަނީ ޖޭއެސްސީ އަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އަދި ޖޭއެސްސީ އަކީ ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމް ނެރެދޭ ތަނެއް ކަމަށް ބުނާ ބުނުމުގެ އަޑުވެސް ވަނީ ގަދަވެފަ އެވެ.
ހިސާން ވިދާޅުވީ، ސުލޫކީ މިންގަނޑާއި ހިލާފަށް ފަނޑިޔާރަކު އަމަލުކުރާނަމަ އެއީ ކޮންމެ ފަނޑިޔާރަކަށްވީ ކަމުގައި ވިޔަސް ހުށައެޅޭ ޝަކުވާތައް ބަލާނެ ކަމަށެވެ. އަދި ''ހައި ޕްރޮފައިލް'' މައްސަލައެއް ބައްލަވާފައި ވާތީވެ އެކަން ނިވާފަތްގަނޑަކަށް ހަދައިގެން އުޅުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، އެފަދަ ގޮތަކަށް އަމަލުކުރަމަކީ މުޅި ޖުޑިޝަރީގެ އިތުބާރަށް އަސަރުކުރާ ފަދަ ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ. ވަކި މައްސަލައެއް ނުބެލުމަކީވެސް ޖުޑިޝަރީއާ މެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ގަބޫލްކުރެވޭ ކަމަށް ގާނޫނީ ވަކީލު ހިސާން ވިދާޅުވި އެވެ.
ހައި ޕްރޮފައިލް މައްސަލައެއް ބައްލަވާތީ ނުވަތަ ބައްލަވާފައި އޮތީތީ އެކަން ނިވާފަތްގަނޑަކަށް ހަދައިގެން އެ ތުހުމަތުން ބަރީއަވުމުގެ ފުުރުސަތެއް އަޅުގަނޑުމެނެއް މި ކޮމިޝަނުން އެއްވެސް ބޭފުޅަކަށް ނުދޭނަން. ވަކި ފަނޑިޔާރެއް މައްސަލަ ބަަލަން ނުވަތަ ނުބަލަން ނުނިންމަން، އެ ބޭފުޅާގެ ނަމަށް ނުވަތަ މަގާމަށް ބަލައިގެނެއް. މި ކޮމިޝަނުން ބަލަނީ އެބޭފުޅާ ކުރެއްވި އަމަލަށް އަދި އުފެދިފައި އޮތް ތުހުމަތެއް މައްޗަށް
ޖޭއެސްސީން ބައެއް މައްސަލަތައް ބެލުމުގައި ލަސްތަކެއްވާ ކަމަށް ބުނާ ވާހަކައަށް އިޝާރާތް ކުރައްވާ ހިސާން ވިދާޅުވީ، އެންމެ ބޭނުންވާ ސްޕީޑުގައި މައްސަލަތައް ނުބެލޭކަން ޚުދު އޭނާވެސް ގަބޫލުކުރައްވާ ކަމަށެވެ.
2018 އަހަރު ޖޭއެސްސީ ހަތް މައްސަލައެއް ހުށައެޅިފައިވާއިރު މިދިޔަ އަހަރު ހުށައެޅިފައިވަނީ 257 މައްސަލަ އެވެ. އެއީ 2019 ވަނަ އަހަރު ހުށައެޅުނު މައްސަލައިގެ 2.5 އިންސައްތައިގެ އިތުރުވުމެކެވެ.
ހިސާން ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން މަސައްކަތުގެ ކެޕޭސިޓީ އަށް އަދި ރިސޯސް އަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރެވެމުންދަނީ ތަނުގެ ވަސީލަތާއި މުވައްޒަފުން ހުރި މިންވަރަކުން ކަމަށް ވިދާޅުވި އެވެ. ޝަކުވާގެ އަދަދު މިހާ ގިނަވެފައިވާ ދަނޑިވަޅެއްގައި އެންމެ މައްސަލަތައް ބެލުމުގައި ގޮންޖެހުންތަކެއް އެބަހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
ޖޭއެސްސީގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއި އެކު ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިޖުރާތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ސިޔާސީ ނުފޫޒުން ފަނޑިޔާރުގެ މިނިވަން ކުރުމަކީ ސަރުކާރުގެ އިތުރުން އެމްޑީޕީގެ ވައުދެކެވެ.