ހުކުރު ހުތުބާ ކިޔަނީ ފޮޓޯ:ވަން އޮންލައިން

އާޚިރަތް ދުވަސް މަތިން ހަނދުކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ތިމާކުޅަ އަމަލު ތިމާ ދެކޭދުވަސް" މި މައުޟޫއު އަށް އިއްވި ހުތުބާގައި ބުނެފައިވަނީ އާޚިރަތް ދުވަހަކީ ވަރަށް ކައިރީގައިވާ ދުވަހެއް ކަމަށާއި އެދުވަސް ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ އާޚިރަތް ދުވަހާއި މެދު ގިނަ ގިނައިން ވާހަކަ ދެއްކުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ އަމުރުވެވިގެންވާ ކަމެއް ކަމަށާއި ވާޖިބު ކަމެއް ކަމަށް ވަނީ ބުނެފައެވެ. އަދި އެއީ ހަނދާން އައުކޮށްކޮށް ތިބެން ޖެހޭ ކަމެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޤިޔާމަތް ދުވަހުގެ އަލާމާތްތައް ފާޅުވަމުންގޮސް އެންމެފަހުން ޤިޔާމަތްވާހިނދު ދުނިޔޭގައި ތިބޭނީ އެންމެ ނުބައި މީހުން ކަމަށާއި ޤިޔާމަތަށް ﷲ ތަޢާލާ އިރާދަ ކުރައްވައިހިނދު އެކަލާނގެ އަމުރުފުޅަށް އިސްރާފީލްގެ ފާނު ތާޅަފިލި ފުމެލައްވާނެ ކަމަށެވެ. ﷲ ތަޢާލާ އިސްރާފީލްގެފާނު ހަލްގު ކުރައްވައި، އެމަސްއޫލިއްޔަތު އެކަލޭގެފާނާއި ހަވާލުކުރެއްވި ދުވަހުން ފެށިގެން ތާޅަފިލި ފުމެލެވޭ ވަގުތާއި ޖެހެންދެން އެކަލޭގެފާނު ހުންނަވާނީ ﷲގެ އަމުރުފުޅުގެ އިންތިޒާރުގައި ކަމަށް ވެސް މިއަދުގެ ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

ފުރަތަމަ ތާޅަފިލި ފުމެލެއްވުމާއި އެކި ލަހެއް ފަހެއް ނުވެ ޤިޔާމަތް ވެދާ ހުއްޓެވެ. ތާޅާފިލީގެ އަދު އެންމެ ފުރަތަމަ އިވޭ ހުށީ މަޑުމަޑުންނެވެ. ދެން އެ އަޑު ގަދަވަމުންއަންނަ ހުއްޓެވެ. އެއަޑު ޖެހުމާއި އެކު މީސްތަކުން މަރުވެދާނެއެވެ.އެއަޑު އިވުމާއި މަރުވުމާއި ދެމެދު ކުޑަކުޑަ ކަމެއް ކޮއްލާނެ ވަގުތުކޮޅެއްވެސް ނުލިބޭނެއެވެ. ތާޅަފިލި ފުމެލެއްވޭހިނދު އެއަޑު އެހި ކޮންމެ މީހަކު ކަރުލަނބާލައި އުފުލާލާފައި އެއަޑަށް ކަނުލާ އަޑުއަހާނެއެވެ. އަދި އެއަޑު އިވުމާއި އެކު އޭނާ މަރުވެގެން ވެއްޓޭ ހުއްޓެވެ.

ހުތުބާގައި ބުނެފައިވަނީ އެއަށްފަހު އަމަލުތަކުގެ ހިސާބު ބެއްލެވުމަށްޓަކައި މަހްޝަރު ކުރެވޭނެކަމަށެވެ. ޤިޔާމަތް ދުވަހު މީސްތަކުން މަހްޝަރު ކުރެއްވޭއިރު ތަފާތު ހެޔޮކަންތަކުގެ ސަބަބުން މި އުންމަތުގެ މީހުންނަށް ނޫރެއް ލިބިގެންވާނެ ކަމަށާއި މީސްތަކުން މަހްޝަރުކުރެއްވޭ ހުށީ ހުސްގަޔާ، ހުސްފަޔާ ދުނިޔެއަށް އުފަންކުރެއްވި ގޮތަށް، އެމީހަކު އެކަމެއްގެ މަތީގައި މަރުވިކަމެއްގެ މަތީގައިކަމަށް ވެސް ވަނީ ބުނެފައެވެ.

ކޮންމެ އިންސާނަކުމެ ކުރާ އަމަލުތައް ﷲ މޮޅަށް ދެނެވޮޑިގެންވާ ކަމަށާއި އެމަލުތައް ލިޔެވިފައިވާ ފަތް އެދުވަހުން އިންސާނާއަށް ދެވޭނެ ކަމަށް ހުތުބަގައި ވަނީ ބުނެފައެވެ. ކިތެންމެ ކުޑަ އަމަލެއްވެސް އަދި ކިތެންމެ ބޮޑު އަމަލެއްވެސް އެމީހެއްގެ އަމަލުނާމާގައި ލިޔެވިފައިވާނެ ކަމަށާއި މީސްތަކުންނަށް ކިތަންމެ ވަންހަނާ ގޮތެއްގައި ކޮށްފއިވާ އަމަލުތައްވެސް ހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ.

މާތްﷲ ގެ ރަހްމަތްވަންތަކަމުން އިންސާނާއަށް ސުވަރުގެ ވަދެވޭނެ ވަސީލަތަކީ އޭނާ ކޮށްފައިވާ ހެޔޮއަމަލު ކަމުގައިވީ ހިނދު ތިމާގެ އަމިއްލަ ނަފްސަށް ހެޔޮ އެދޭ މީހާ ހެޔޮ އަމަލުކުރުމުގައި ފަސްނުޖެހޭނެއެވެ. އަދި ބުއްދިވެރިޔަކީ ހެޔޮ އަމަލުކުރުމުގައި ކުރިއަރައިދާ މީހާއެވެ. ހެޔޮ އަމަލަކީ މާތްﷲ ގެ އަމަރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި އެކަލާނގެ މަނާކުރެއްވި އެންމެހާ ކަންތައްތަކުން ދުރުވެ ރައްކާތެރިވުން ކަމަށް ޚުތުބާގައިވެއެވެ.

އިންސާނާއަށް ސުވަރުގެ ވަދެވޭނެ މަގަކީ އޭނާ ކޮށްފައިވާ ހެޔޮ އަމަލުކަމުގއި ވާހިނދު ފާފަތަކުންދުރުވެ ހެޔޮއަމަލު ކުރުމުގައްޔާއި އެހެން މީހުން ވެސް ހެޔޮމަގަށް ގެނައުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.