ފެނަކަ ރިކްރިއޭޝަން ކްލަބުން އިސް ނަގައިގެން ބޭއްވި އެފްއާރްސީ ފުޓްސަލް ޓޯނަމެންޓް 2019/2020، ހއ އަދި ހދ ޒޯންގެ ޗެމްޕިއަންކަން ހދ.ނޮޅިވަރަންފަރުން ހޯދައިފިއެވެ.
ނޮޅިވަރަންފަރުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅެވުނު ފައިނަލް މެޗުގައި ހއ މުރައިދޫ ޕެނެލްޓީ ޖަހައިގެން 6-7 ގެ ނަތީޖާއަކުން ބަލިކުރުމަށް ފަހުގައެވެ.
ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ވަހީދެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ މުބާރާތުގެ ރަނާސް އަޕް ކަމަށްވާ މުރައިދޫ ޓީމެވެ.
މުބާރާތުގެ ވަނަތަކަށް އައި ފަރާތްތައް:
- އެންމެ މޮޅު ކުޅުންތެރިޔާ: އަލީ ޝާފިއު، (މުރައިދޫ، ޖާރޒީ ނަންބަރު 10)
- އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ: ހުސެއިން ވިޝާލް، (މުރައިދޫ، ޖާރޒީ ނަންބަރު 20)
މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިން
- އަލީ ހުސެއިން (ހަނިމާދޫ ޓީމް)
- އަބްދުއްﷲ ޝަފީއު (ނޮޅިވަރަންފަރު ޓީމް)
- މުހައްމަދު އަހުސަން (ނޮޅިވަރަންފަރު ޓީމް)
- ހުސެއިން ވިޝާލް (މުރައިދޫ ޓީމް)
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. ދެ އަތޮޅުގެ 14 ރަށަކުން ނުވަ ޓީމު ބައިވެރިވެފައިވާ މި މުބާރަތަކީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ މުހައްމަދުގެ އިސްނެންގެވުމުގެ ދަށުން، ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޒޯންތަކަށް ބަހާލެވިގެން ބޭއްވުނު މުބާރާތެކެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000ރ.ގެ ފައިސާގެ އިނާމާއި ޓްރޮފީއާއި މެޑަލްގެ އިތުރުން ހަނދާނީ ލިޔުން ދީފައިވާއިރު، ރަނާސް އަޕް ޓީމަށް ވަނީ 3،000ރ ގެ ފައިސާގެ އިނާމާއި މެޑަލްގެ އިތުރުން ހަނދާނީ ލިޔުން ދީފައެވެ. ފެއާ ޕްލޭ ޓީމަށް ދީފައިވަނީ 1،000ރ އެވެ.