ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ދިވެހި ބަހުގެ މުބާރާތެއް ބާއްވަން ނިންމައި ފުރުސަތު ހުޅުވާލައިފި އެވެ.
ދިވެހި ބަހުގެ އެކަޑަމީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނީ، މި މުބާރަތަކީ މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މުބާރާތެއް ކަމަށެވެ.
"ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ މުބާރާތު" ނަންދީފައިވާ މި މުބާރާތް އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށެވެ.
ބަހުގެ އެކަޑަމީން ބުނީ، މުބާރާތުގެ މަގުސަދަކީ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ގާބިލުކަން ސަރުކާރު މުވައްޒަފުންގެ ކިބައިގައި އިތުރުކުރުމާއި ސާފު ދިވެހި ބަހުން މުއާމަލާތްކުރުމުގެ ގާބިލުކަން އުފެއްދުން ކަމަށެވެ.
މީގެއިތުރުން ސަރުކާރުގެ ލިޔުންތައް އާންމު ކުރުމަށް މަގުފަހި ކުރުވާ ސަރުކާރު މުވައްޒަފުންނަކީ ދިވެހި ބަހުން ކުށް ނުލައި ލިޔުމަށް ޝައުގުވެރިވާ ބައެއް ކަމުގައި ހެދުން ކަމަށްވެސް އެކަޑަމީން ބުންޏެވެ.
މި މުބާރަތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.