ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ފޮޓޯ: ރާއްޖެ.އެމްވީ

އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އަމަލުކުރަމުންދާ ގޮތާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގެ ވާހަކަ ދެއްކުން އިތުރުވެފައިވަނީ 13 މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ސީރިޔަސް ތުހުމަތުތަކެއް ކުރެވި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރިއަތް ކުރިޔަށް ދަނިކޮށް ބޭސް ފަރުވާ އަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރުމާއި ގުޅިގެންނެވެ.

އެއާއި އެކު ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ ސަރުކާރު ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ. ޖިންސީ ގޯނާގެ މައްސަލަތައް ސަރުކާރުން ސީރިޔަސްކޮށް ނުނަގާ ކަމަށް ބުނެ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޯލިޝަންގެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫންގެ އިތުރުން ހެރިޓޭޖް މިނިސްޓަރު ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ އެމަނިކުފާނުގެ ދަރިކަނބަލުންވެސް ވަނީ އިއްޔެ މިކަމާއި ގުޅޭ ގޮތުން ޓްވީޓެއް ކުރައްވާފަ އެވެ.

ސީދާ ވަކި މައްސަލައެއްގެ ނަން ނުގެންނަވައި ރައީސް އޮފީހާ ޖެންޑަރ މިނިސްޓްރީ ޓެގް ކުރައްވާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލައިގައި ކަންބޮޑުވާން ޖެހެނީ ހަމައެކަނި އަންހެނުންނެއް ނޫން ކަމަށެވެ.

އެފަދަ ނުބައި އަމަލުތަކާއި މެދު އިސްލާމްދީންގެ މާތް އުސޫލުތަކަށާއި އިންސާނީ ހައްގުތަކަށާއި އިންސާފަށް ލޯބިކުރާ އެންމެހާ ފަރާތްތައް ކަންބޮޑުވާން ޖެހޭ ކަމަށް އެމަނިކުފާނު ލިޔުއްވެވި އެވެ.

އަންހެނުންނަށްކުރާ ޖިންސީ ގޯނާގެ މައްސަލައިގައި ކަންބޮޑުވާން ޖެހެނީ ހަމައެކަނި އަންހެނުންނެއް ނޫން

 

އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރަން ވަކާލާތު ކުރައްވާ ޔުމްނާ ކުރެއްވި ޓްވީޓްގައި އެކަމަނާ ވިދާޅުވީ، އަންހެނުންނަށް ކުރާ ޖިންސީ ގޯނާ އާއި އަނިޔާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ގޮތަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް ބަލަން ޖެހޭ ކަމަށެވެ.

އަދި މި ފަދަ އަނިޔާތަކަކީ އަންހެނުންނަށް ޖިސްމާނީ އަދި ނަފްސާނީ އެތައް މައްސަަތަލަކެއް ކުރިމަތިކުރުވާ ކަންކަމަށާއި، އަންހެނުންގެ ކުރިއެރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ.

މި ފަދަ އަނިޔާ ލިބޭ އަންހެނުންނަށް އިންސާފު ލިބެން ޖެހޭ

 

 

މައުމޫން އާއި ޔުމްނާ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު ޖެންޑަރ މިނިސްޓަރުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި އިދިކޮޅު ފަރާތްތަކުގެ އިތުރުން އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަރާތްތަކުން ދެކޭ ގޮތުގައި މިފަދަ ތުހުމަތު ކުރެވޭ މީހުން ދޫވެގެން ދިޔުމަކީ ޖިންސީ ޝިކާރައަކަށްވާ މިހުންނަށް ލިބޭ ނިކަމެތި ކަމެކެވެ.

އެންމެ ފުރަތަމަ އަޑުތައް ފެތުރުނު ގޮތުގައިި ހިފަހައްޓާފައި އޮތް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލާފައިވަނީ ދައުލަތުން އެދިގެންނެވެ. އަދި އެކަމަށް ބާރު ލިބޭނީ ފާސްޕޯޓް ދޫކުރަން ޕީޖީން އެދިފައިވާކަމަށް ބުނާ ކޯޓު އަމުރާ އެކު އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައިވަނީ ހަތަރު މަހަށެވެ. އަލީ ވަހީދަށް ޖާމިނުވީ އޭނާގެ ގާތް އެކުވެރިޔެއް ކަމަށްްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ.

އެކަމަކު އެ އަމުރުގައި ޕީޖީ ކަމަށް ލިޔެފައިވަނީ އޮޅުމަކުން ކަމަށް ބުނެ ޕީޖީން ވަނީ އަލީ ވަހީދުގެ މައްސަލާގައިކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ހާމަކޮށް ދިގު ބަޔާނެއް ނެރެފައެވެ. ޕީޖީގެ ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން އަލީގެ ޕާސްޕޯޓް ދޫކުރަން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.