ވައްޓަފާޅި

ވަޒީފާގައި ގިނަ ވަގުތު ހޭދަކުރުމުން ލިބޭ ގެއްލުންތައް!

މަސައްކަތުގައި އާދަޔާހިލާފަށް ގިނަ ވަގުތު ހޭދަކޮށް އިންތިހާއަށް ބުރަކޮށް އުޅުމަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް ސިއްހީ މައްސަލަތަކަށް ދިމާވާން މެދުވެރިވާ ސަބަބެކެވެ.

ހަފްތާއަކު މަސައްކަތް ކުރަން އެކަށީގެންވާ މިންގަނޑަކީ 40 ގަޑީރާއި 50 ގަޑީރާ ދެމެދުގައެވެ.

މަސައްކަތުގައި ބުރަކޮށް އަވަދިނެތި އުޅުމުގެ އިތުރުން ވަޒީފާ އަދާކުރާ ތަނުން ގެއަށް ކުރަންޖެހޭ ދަތުރާއި, ވަޒީފާގެ މާހައުލާއި, މަސައްކަތުގެ އަގުވަޒަންނުކުރެވުމާއި, ވަޒީފާއިން ބޭރުގައި ވާ ޒިންމާތައް އަދި އަދާކުރާ ވަޒީފާއާމެދު ހިތްހަމަނުޖެހުމަކީ ފޫހިކަމާއި ވަރުބަލިކަން އިހްސާސްވާ ސަބަބުތަކެވެ.

ދިރިއުޅުމުގެ ހަރަދު ބަރަދު ބެލެހެއްޓުމަށް އާމްދަނީ ހޯދަން މަސައްކަތް ކުރަންޖެހުނު ކަމުގައިވިޔަސް އަމިއްލަ ސިއްހަތަށް ނުރައްކވާ ހިސާބަށް ދިއުމުން ސަމާލުވާންޖެހެއެވެ. ބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ސިއްހަތަށް ކުރާ ބައެއް އަސަރުތަކަށް ބަލައިލާނަމެވެ.

ސިގިރޭޓް ބުއިމުގެ އާދަ ހަރުލުން

މަސައްކަތުގެ ބުރަ ވަގުތުތަކަށް ފަހު ހިތްހަމަޖައްސާލުމަށް ނަގާ ވަގުތުގައި ސިގިރޭޓް ބުއިމަކީ ގިނަ ބައެއްގެ އާދައެކެވެ. ނަމަވެސް ސިގިރޭޓާކީ އެއަށް ދެވިހިފާ އެއްޗަކަށްވުމުން ދެން ފެނިގެންދަނީ މަސައްކަތުގައި އެންމެ ކުޑަ ގޮންޖެހުމަކާއި ކުރިމަތިލާންޖެހުނަސް ހާސްކަން ދުރުކުރުމަށްޓާކައި ތުންފަތަށް ސިގިރޭޓެއް ޖަހާލެވޭތަނެވެ.

ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަ މީހާގެ ކިބައިގައި އަށަގަނެފިނަމަ ސިއްހީގޮތުންނާއި މާލީގޮތުން މީހާ ހުލިކޮށްލުމަކީ ދުރުގައި އޮތް ކަމެއްނޫނެވެ.

ހަމަނިދި ނުލިބި ދުވާލުގަޑީ ވަރުބަލިކަން އިހްސާސްކުރުން

ރޭގަނޑު ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމުން ހަމަނިދި ނުލިބި ނުވަތަ ނިދި ލިބޭންޖެހޭ ވަރަށް މީހާއަށް ނިދި ނުލިބުމުން ދުވާލުގަޑީގައި ވަރުބަލިކަން އިހްސާސްވެ ނިދިއައުމަށް މެދުވެރިވެއެވެ. ހަމަނިދި ނުލިބުމަކީ މީހާގެ މަސައްކަތުގެ ދުވެލި ދަށްކުރުމުގެ އިތުރުން ޓައިޕް 2 ޑައިބެޓިސްއާއި ހިތުގެ ބަލިތަށް ޖެހުމުގެ ފުރުސަތު ބޮޑުވާކަމެކެވެ.

މާޔޫސްވުން

ބައެއް މީހުންނަކީ ހަފްތާގެ ރަސްމީ ދުވަސްތަކުގައި މަސައްކަތްކޮށް އަދި ބަންދު ދުވަސްތަކަށް މަޖާކުރުމުގެ ހަރަކާތްތަކާއި ރަށްޓެހިންނާއެކު ވަގުތު ހޭދަކުރުމަށް އިސްކަންދޭ މީހުންނެވެ. މީހާއަށް އަރާމު ކުރުމަށް ވަގުތެއް ނުދީ ބުރަކޮށް މަސައްކަތް ކުރާނަމަ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުން އެކަށީގެންވެއެވެ.

ދިރާސާއަކުން ދައްކާގޮތުގައި ދުވާލަކު 11 ގަޑީރު ވަންދެން މަސައްކަތް ކުރާ މީހަކަށް 7 ނުވަތަ 8 ގަޑީރަށް މަސައްކަތް ކުރާ މީހަކަށް ވުރެ ބޮޑަށް ނަފްސާނީ ބަލި ތަހައްމަލު ކުރަން ޖެހޭ މީހަކަށް ވުން ގާތެވެ.

ހިތުގެ މައްސަލަތަށް ކުރިމަތިވުން

މަސައްކަތުގައި ދިމާވާ ދަތިތަކުން މީހާއަށް އިހްސާސްވާ ހާސްކަމާއި ނުތަނަވަސްކަމަށް އިޖާބަދީ ހަށިގަނޑުން އުފައްދާ އަދި ދައުރުކުރުވާ ކޯރޓިސޯލް އަކީ ހިތަށް ގެއްލުންދެނިވި ހޯރމޯނެކެވެ. ނަތީޖާއަކަށް ވަނީ ސްޓްރޯކް, ކޮރޮނަރީ އާޓަރީ ބަލި, ޓައިޕް 2 ޑައިބެޓިސް އަދި ކެންސަރު ފަދަ ބަލިތަށް ޖެހުމަށް މަގުފަހިވުމެވެ.

ބުރަކަށްޓާއި ކަރުގައި ރިއްސުން

ހާއްސަކޮށް ގިނަ ވަގުތު އިށީނދެގެން ތިބެ މަސައްކަތް ކުރާ މީހުންނާއި ބަރުމުދާ އުފުއްލާ މީހުންނާއި އޮފީސްތަކުގެ އިދާރީ މަސައްކަތް ކުރާ މީހުއްނާއި ޓެކްސީ ޑްރައިވަރުންގެ މަސައްކަތް ކުރާ މީހުންނަށް ބުރަކަށްޓާއި ކަނދުރާގައި ރިއްސުކަން ކަހަލަ ބޮޑެތި އުނދަގޫތައް ދިމާވެއެވެ.

ޒަވާޖީ ހަޔާތަށް އަސަރުކުރުން

މަސައްކަތުގެ ބުރަ ދުވަހަކަށްފަހު އަނބިމީހާ/ފިރިމީހާއާއެކު ވަގުތު ހޭދަކުރަން ލިބުނުކަމުގައިވިޔަސް ވަޒީފާގެ ހިތްހަމަނުޖެހުމާއި ވަރުބަލިކަމުން ދެމަފިރިންގެ ގުޅުމަށް ހީނަރުކަމެއް އާދެއެވެ.

 

0
0
0
0
1

ކޮމެންޓް

Your email address will not be published.

0 %