ދެ އަހަރުގެ ކުއްޖަކަށް ތިންބަަފައިން ވެގެން ޖިންސީ ގޯނާކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލިސްގެ ހިއުމަން ރައިޓްސް ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވައިފިއެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މިރޭ 08:30 ގައެވެ. ކޮމިޓީ ބައްދަލުވުން 20 މިނެޓަށް ކުރިއަށްގޮސްފައިވާއިރު މީގެ ކުރިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންފަދަ ސީރިއަސް މައްސަލަތައް އާންމުކޮށް ބާއްވަނީ ސިއްރުންނެވެ. ނަމަވެސް މިރޭ އެ ކޮމެޓީގެ ބައްދަލުވުން ނޫސްވެރިންނަށް ވަދެވޭގޮތަށް ކުރިއަށްގެންގޮސްފައިވާއިރު، ބައެއް ޗެނަލްތަކުން ވަނީ ލައިވް ވެސް ކޮށްފައެވެ.
މިރޭ ބޭއްވި އެ ކޮމެޓީގެ ކުއްލި ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ މާދަމާ ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް، ކްރިމިނަލް ކޯޓު، ޖެންޑާ މިނިސްޓްރީ އަދި އަންހެން ކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލް މެންބަރުން ކޮމެޓީއަށް ހާޒިރުވުމަށް ދަންނަވާނެ ކަމަށެވެ.
މެންބަރު ޖީހާން ވިދާޅުވީ އެކުއްޖާގެ އާއިލާގެ ހުރިހާ މައްސަލައެއް މާދަމާ 14:30 ގެ ކުރިން ކޮމެޓީއަށް ފޮނުވަން ވެސް މުއައްސަސާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
ދެކުނު ރަށެއްގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް އޭނާގެ ބައްޕައާއި ކާފަ އަދި މުނިކާފަ ވެގެން ޖިންސީ ގޯނާކޮށް ރޭޕް ކުރި ކަމަށް ތުހުމަތުވާ މައްސަލަ ފެންމަތިވީ މި މަހުގެ 15 ދުވަހު އެވެ. އެ މައްސަލައިގައި ފުލުހުން މިހާރު ވަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ މިއަދު ހައްޔަރުކޮށްފަ އެވެ.