ފިހާރައެއްގެ ބޭރުން ހިނގާފައި ދިޔައިރު ލޮލުގައި އަޅައިގަތް ކާއްއެޗިހީގެ ކުލަގަދަ ޕެކެޓްތަކާއި ފުޅިތަކަށް ހިތްކީޔާތަ؟ ސީދަލަށް ބުނަނީމަ ލުއިކާނާގެ ބާވަތްތަށް ފެނުމުން ކުޅުދިޔާވޭތަ؟

ލުއިކާނާއަކީ އޭގައި ހަކުރު, ލޮނު އަދި ކެލޮރީސްއިން ފުރިގެންވާ ކާނާއަށްވެފައި އެއީ މީހާ އެއަށް ދެވިހިފާ އެއްޗެކެވެ. އާދައިގެ މަތިންކާނަމަ ފަލަބަލި, ހަކުރު ބަލި އަދި ހިތުގެ ބަލިތަކުގެ ޝިކާރައަކަށްވުން ގާތް ކުރާކަމެކެވެ.

ވީއިރު ސިކުންކޮޅެއްގެ ހިތްހަމަޖެހުމަކަށް ސިއްހަތާއި މާލީ ދުޅަހެޔޮކަން ހަނދާން ނައްތާލަންވީ ހެއްޔެވެ؟

ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނާއި، ސިއްހީގޮތުން ފައިދާހުރި ކާނާ ކާން ބޭނުންވާ މީހުންވެސް ބުރަދުވަހުގެ މަސައްކަތަކަށްފަހު ކޫސަނި ކާއެއްޗަކުން ބަނޑުހައިކަން ފޫބައްދާލަނީއެވެ. އެހެންނޫނީ ހަށިގަނޑަށް ފައިދާ ހުރި ކެއުމެއް ތައްޔާރު ކުރުމަކީ ވަރަށް ބޮޑު މަސައްކަތެކޭ ހިތަށްއަރާ އަޅާނުލެވެނީއެވެ.

ކޮންމެއަކަސް ޕެކެޓެއްގައި ބަންދުކޮށްލެވިފައިވާ ރަހަމީރު ކޭކެއް ކާލުމަކީ އުނދުންމަތީގައި އޮށްޓަރު ހުރި ކެއުމެއް ތައްޔާރު ކުރުމަށްވުރެ ފަސޭހަކަމަކަށްވީއިރު ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ލުއި ކާނާ އިން ދުރުވާނީ ކިހިނެއް ހެއްޔެވެ.

ފެން ބުއިން

ކުއްލިއަކަށް ބަނޑުހައި ވާނަމަ ބޮޑު ފެން ތަށްޓެއް ބޯލާށެވެ. އޭގެ އިރުކޮޅެއް ފަހުން ބަނޑުހައިކަން ފިލައިދާނެއެވެ. ހަށިގަނޑަށް ފެން ބޭނުންވުމުން ބައެއްފަހަރު ބަނޑުހައިވުން ކަމަށް ހީކޮށް ލުއިކެއުމެއް ނުވަތަ ލުއި ބުއިމަކާއި ދިމާލަށް މިސްރާބު ޖެހުމުގެ ބަދަލުގައި ފެން ބުއިމަށް އާދަކުރާށެވެ.

ގިނައިން ޕްރޮޓީން ކެއުން

ގިނައިން ޕްރޮޓީން އެކުލެވޭ ކާނާ ކެއުމުން ކާހިއްވުން މަދުކޮށް ގިނައިރު ވަންދެން މީހާއަށް ނުކައި ހުރެވޭނެއެވެ. ހަމައެއާއެކު ރޭގަނޑުގެ ވަގުތުގައި ލުއިކާނާ އަށް ހިތްކިޔާ މިންވަރު 50 އިންސައްތައަށް ދަށްކޮށްދޭކަން ހޯދުންތަކުން ހާމަކުރެއެވެ.

ލުއި ކާނާއާ ދުރުވުން

ތިމާއަށް އެންމެ މީރު ވައްތަރު ޗިޕްސް ނުވަތަ ކޯކު ފުޅިއެއް ގަންނަށް ހިތަށް އެރުމުން މިހިޔާލުތަކާއި މެދު ނުވިސްނޭތޯ މަސައްކަތްކުރާށެވެ. އޭގެ ބަދަލުގައި ހިނގާލަން ގޮސް ނުވަތަ އެހެން ކަމެއްގައި މީހާ މަސްއޫލުވުމުން ކެއުމާއި މެދު ވިސްނާކަށް ޖާގައެއް ނުލިބޭނެއެވެ.

ރޭވުން

ދުރާލައި ދެން އޮތް ހަފުތާގައި ކާނެ ތަކެތި ރާވާލުމުން ފަހުން އެކަމާ މެދު ވިސްނާއިރު ލުއި ކެއުމެއް ނުވަތަ ބުއިމެއް ހިޔާރު ކުރުމަށް ޝައުގުވެރިކަން ދަށްވާނެއެވެ.

ފައިދާހުރި ކާނާ ކެއުން

ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭ ކާނާ ކެއުމަށް އިހްތިޔާރު ކުރުމުން ކާހިއްވުން ދަށްކޮށް ގިނައިރު ވަންދެން ނުކައި ހުރެވޭނެއެވެ.

ހަމަނިދި ލިބުން

ކާހިއްވުމަކީ މީހާގެ ހަށިގަނޑުގައިވާ ހޯމޯންތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަކަށްވާއިރު ހަމަ ނިދި ނުލިބުމުން މި ހޯމޯންތަކުގެ މަސައްކަތަށް ބަދަލުތަކެއް އާދެއެވެ. ރަނގަޅަށް ނިދި ލިބޭ މީހުންނާއި އަޅާ ބަލާއިރު ހަމައަށް ނިދި ނުލިބޭ މީހުން ފަލަވުމުގެ ފުރުސަތު 55 އިންސައްތައަށް އިތުރެވެއެވެ.

ސްޓްރެސް

ހާއްސަކޮށް އަންހެނުންނަކީ ފިކުރު ބޮޑުވެ ހިތް ނުތަނަވަސްވާ ހާލަތްތަކުގައި ހިތްހަމަޖައްސާލުމަށްޓަކައި ލުއި ކެއުމެއް އިހްތިޔާރު ކުރާ ބައެކެވެ. މީގެ އިތުރުން ސްޓްރެސްވުމުގެ ސަބަބުން ބަނޑުގައި ސަރުބީ އިތުރުވާން މަގުފަހިކުރުވާ ހޯމޯންއެއް ކަމަށްވާ ކޯޓިސޯލްގެ މިންވަރު ލޭގައި ގިނަވެ މީހާގެ ބަރުދަން އިތުރުވެއެވެ.

އިންތިހާއަށް ބަނޑުހައިވިޔަ ނުދިނުން

މަސައްކަތުގައި ގިނަ ގަޑީރުތަކެއް ބުރަކޮށް ހޭދަކުރުމަށްފަހު ބަނޑުހައިވުމުން ކައްކާނެހާ ވަރެއް ގަޔަކު ނުހުރެއެވެ. ވީމާ ގަވާއިދުން ކައިގެން ހުރުމުގެ އިތުރުން ބަނޑުހައިވާ ގަޑީގައި ހަށިގަނޑަށް ފައިދާހުރި ކުދި ކާއެއްޗެއް ގެންގުޅުމުން ބޭރުން ކެއުމެއް ގެނައުމުގެ ބޭކާރު ހަރަދު ކުރާކަށް ނުޖެހޭނެއެވެ.

ބަނޑުހައިވެހުރެ ކާއެއްޗިސް ނުގަންނާތި

ބަނޑުހައިވެހުރެ ވިޔަފާރިކުރަން ދިއުމުން އެވަގުތު ވިސްނޭނީ އެންމެ ރަނގަޅަކަށް ނޫނެވެ. ވިސްނުމަކާ ނުލައި ފެންނަހާ އެއްޗެއް ގަނެ ސިއްހަތަށް ފައިދާ ކުރާ ކާނާގެ ބަދަލުގައި ހިތްކިޔާ އެއްޗެތި ގައްނަން މަގުފަހިވެއެވެ. އަތުން ކުރެވޭނީ ބޭކާރު ހަރަދެވެ. ފަހުން ގެއްލުން ވަނީ ސިއްހަތަށެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.