ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ -- ފޮޓޯ: ޕީ.އެސް.އެމް

ޖިންސީ މައްސަލަތައް ބަލާނެ ހަރުދަނާ އިޖުރާއަތްތަކެއް މުހިންމު ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރ މި މޭމުރުމުން ޓްވީޓް ކުރައްވާފައި މިވަނީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނަ ކުރި ކަމުގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން އޭނާ ރާއްޖެއިން ބޭރަށް ފުރި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.

ކޮންކަމަކާއި ގުޅުވައިގެންކަން ހާމަނުކުރައްވާ ޓްވީޓް ކުރައްވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވީ، ވަކި ފަރާތަކަށް ނުޖެހި، ހަރުދަނާގޮތެއްގައި ޖިންސީ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތްތައް މުހިންމުކަމަށެވެ. އެއީ، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާ އަދި އެ ފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިންސާފު ގާއިމްކުރުމުގައި މައިގަނޑު އަސާސުކަމަށްވެސް ޖެންޑަރ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ އަންހެން މެމްބަރުން ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ އިތުރުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ގުޅިގެން ވަނީ މި މައްސަލަ މަޖިލީހަށްވެސް ހުށަހަޅާފައެވެ.

މިޒާތުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ގެންނަންޖެހޭ ބަދަލުތަކަކީ ކޮބާތޯ ދެނެގަނެ، އެ ބަދަލުތައް ތަންފީޒު ކުރުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅާދިނުމަށް އެ މެންބަރުން ހުށަހެޅުއްވި ސިޓީގައި އެދިފައިވެއެވެ.

ޖިންސީ ކުށުގެ ހަތް ދައުވާ އުުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓް އޮތީ ބުދަ ދުވަހާއި ހަމަޔަށް ހިފަހައްޓާފަ އެވެ.

ބުދަ ބޭއްވި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު ވަަނީ މުރާޖާކޮށްފައެވެ. އެގޮތުން ޝަރީއަތުގެ މަޖިލީހަށް އޭނާގެ ޑޮކްޓަރަކު ހާޒިރުކުރުމުން އޭނާގެ މައި ބަދައިގެ ޑިސްކްތަކެއް ގުޑާފައިވާ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.

ޑޮކްޓަރު މިގޮތަށް ޝަރީއަތުގެ މަޖިލީހުގައި ބުނުމާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ވަނީ ބާތިލްކޮށްފަ އެވެ. އަދި ބުދަ ދުވަހު އިރު އޮއްސުނު ވަގުތު އަލީ ވަހީދު ރާއްޖެއިން ފުރައިގެން ގޮސްފައިވާކަން ވަނީ "ޖަޒީރާ" އަށް ކަށަވަރުކުރެވިފަ އެވެ. އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ ކޮން ގައުމަކަށް ކަން އަދި ކަށަވަރުވެފައިނުވާއިރު ރާއްޖެއިން ފުރައިގެން ދިޔަ ސަބަބު ވެސް ޔަގީންކުރެވިފައެއް ނުވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.