މި މަހުގެ ހަތަރު ވަނަ ދުވަހު މާލޭ ވިޔަފާރިވެރިންގެ ބަނދަރު ގައި ހިނގި އެކްސިޑެންޓް ގައި، ކާޕެޓް ރޯލެއް ދަށުވެ ސީރިޔަސް އަނިޔާތަކެއް ލިބުނު ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް ބޭރަށް ގެންދިޔުމުގެ މަސައްކަތް އާއިލާއިން ފަށައިފި އެވެ.
މި ނުރައްކާތެރި ހާދިސާ ގައި އަނިޔާވީ އުމުރުން 28 އަހަރުގެ އިމްރާން އަލީ އަށެވެ. އިމްރާންގެ ގައިމައްޗަށް ކާޕެޓް ވެއްޓުނު ވަގުތު އޭނާ ހުރީ ދޯނީގެ އެތެރޭގައެވެ. އަދި ކާޕެޓް ރޯލް ވެއްޓުނީ ކެރޭނަކުން ދޯންޏަކަށް އަރުވަން އުޅުމުގެ ތެރޭގައެވެ.
އެގޮތުން ވެއްޓުނު ކާޕެޓުގެ ބަރުދަނުގައި އެއް ޓަނު ހުންނާނެ ކަމަށް އޭނާއާ އެކު މަސައްކަތްކުރާ މަޖޫރީންނާއި ހަވާލާދީ އާއިލާއިން ވަނީ ބުނެފަ އެވެ
އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުން ފެށިގެން އިމްރާނަށް ފަރުވާދެމުން ދިޔައީ އައިސީޔޫ ގައި، ވެންޓިލޭޓަރު ގުޅައިގެންނެވެ. މީގެ ދެ ދުވަހެއްގެ ކުރިން ވެންޓިލޭޓަރުން ނަގައި، ކޮންމެވެސް ވަރަކަށް ވާހަކަވެސް ދެއްކި ކަމަށްވެސްވެ އެވެ.
މިރޭ ''ޖަޒީރާ'' އާ ވާހަކަ ދެއްކި އާއިލާގެ މެމްބަރަކު ބުނީ، އަނެއްކާވެސް ހާލު ގޯސްވެ މިހާރު ފަރުވާދެމުން ދަނީ ވެންޓިލޭޓަރު ގުޅައިގެން ކަމަށެވެ. އަދި ލިބިފައިވާ އަނިޔާތައް ސީރިއަސް ކަމުން އިތުރު ފަރުވާ ހޯދަން ބޭރަށްދާން ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ.
ކުޑަކަމުދާ ނިޒާމަށް ގެއްލުންވެފައި، ބޮޑުކަމުދާ ނިޒާމަށް ގެއްލުންވެފައި، ސިކުނޑި އަށް ވެސް ގެއްލުންވެފައި
އާއިލާ މެމްބަރު ބުނީ، އެމްޕީއެލް އަދި އިމްރާން ނިސްބަތްވާ މަޖޫރީ ގްރޫޕް ގުޅިގެން އިންޑިއާ އަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހޮނިހިރު ދުވަހު އިންޑިއާ އަށް ފޮނުވޭތޯ މަސައްކަތް މިކުރަނީ
ތަހުގީގު ނިމެންދެން އިމްރާން ނިސްބަށްވާ މިނާ އިންވެސްޓްމަންޓް ގުރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސް ގައި މަސައްކަތްކުރަމުން ދިޔަ އެމްޕީއެލްގެ މުވައްޒަފުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގްކޮށް، ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް، ޤަވައިދުތަކާއި އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މި މިހާރު ވެސް މަސައްކަތް ކުރަމުންދާކަމަށް އެމްޕީއެލްއިން ބުނެއެވެ