ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ތާއީދުކުރައްވާކަމަށް ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީޓަރ ޒިޖާރޓޯ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ނިމިދިޔަ ހަފްތާގައި އިންޑިއާގެ ދިއްލީގައި އޮތް ރައިޒީނާ ޑައިލޮގްގެ ހަވާސާގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ.
ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް މިއަހަރުގެ މާޗް މަހު މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، ޔޫރަޕަށް ދިވެހިންނަށް ދަތުރުކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ފޮރިން މިނިސްޓަރ ޝާހިދު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކާއިއެކު ޝެންގެން ވިސާގެ މަޝްވަރާތައް ބާއްވަމުންދާއިރު، ވިސާއާއި ނުލައި ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމަށް ފުރުސަތު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ޔޫރަޕްގެ ގައުމުތަކުން ވަނީ މިހާރު ތާއީދުކުރަން ފަށާފައެވެ.
ހަންގޭރީގެ ޚާރިޖީ ވަޒީރާއިއެކު ބޭއްވި މަޝްވަރާތަކުގައި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރުކުރި ފްރޭމްވަރކްގެ މަސައްކަތް ހުއްޓާލުމާއި ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވިއެވެ. ރާއްޖެއާއި ދެކޮޅަށް ވިލާތުގެ އިއްތިހާދުން ފިޔަވަޅު އެޅުމަށް ނިންމީ 2018 ވަނަ އަހަރު، ރާއްޖޭގެ ޙާލަތު ގޯސްވުމާއި ގުޅިގެންނެވެ. ދެވަޒީރުން ވަނީ މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައެވެ.
ހަންގޭރީއާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކުރެވުނުތާ މިއަހަރަށް 45 އަހަރުވާނެއެވެ.