ކަޝްމީރާއި އިންޑިއާގެ އެހެން ހިސާބުތައް ގުޅާލަދޭ ރޭލުވޭގެ ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމަން އިންޑިއާ ސަރުކާރުން ކަނޑައަޅައިފިއެވެ.
މި ރޭލުވޭ ބްރިޖް ވެގެންދާނީ ދުނިޔޭގެ އެންމެ އުސް ރޭލުވޭ ބްރިޖަށެވެ. އެގޮތުން ފަރަންސޭސީވިލާތުގެ ޕެރިހުގައި ހުންނަ އެއިފިލް ޓަވަރަށްވުރެ މި ރޭލުވޭ ބްރިޖް 35 މީޓަރު އުސްވާނެއެވެ. މިބްރިޖްގެ މަސައްކަތް ކުރަމުންދާ ކޮންކަން ރެއިލްވޭއިން ބުނީ މިއީ އިންޑިއާގެ ރޭލުވޭ އެޅުމުގެ 150 އަހަރުވީ ދިގު ތާރީޚުގައިކުރާ އެންމެ ޗެލެންޖިންގ މަސައްކަތަށް ވާނެކަމަށެވެ.
މި ބްރިން ބިނާކުރުމަށް 5462 ޓަނުގެ ސްޓީލް ބޭނުންކުރާއިރު، ބްރިޖް ދިގުދެމިގެންދާނީ ކޯރުގެ އެންމެ އަޑިން ފެށިގެން 359 މީޓަރު މަތިންނެވެ.
1.3 ކިލޯމީޓަރުގެ މި ބްރިޖުން ގުޅާލާނީ ސްރީނާގަރުގެ ކައޫރީއާއި، ކަތުރާގެ ބައްކާލްއެވެ. މި ބްރިޖް ނިމުމުން ޗައިނާގެ ބެއިޕަން ކޯރުގެ ޝުއިބައި ރޭލުބޭ ބްރިޖުގެ ދިގުމިނުގެ ރެކޯޑް މުގުރާލާނެއެވެ. މި ޕްރޮޖެކްޓަކީ ކަޝްމީރާއި އިންޑިއާގެ އެހެން ހިސާބުތައް ގުޅުވާލުމަށް އެގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިއްމު ފިޔަވަޅަކަށް ވެގެންދާނެއެވެ.
މިއީ ގައުމީ ޕްރޮޖެކްޓެއްގެ ގޮތުގައި 2002 ވަނަ އަހަރު އިއުލާންކޮށްފައިވާ، އެހެންނަމަވެސް ހާލަތު އޮތް ގޮތުން މިހާތަނަށް ކުރިއަށް ނުގޮސް އޮތް ޕްރޮޖެކްޓެކެވެ.