ފުވައްމުލަކު ސިޓީ -- ފޮޓޯ: ފޭސްބުކް

ފުވައްމުލަކު ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ އެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މަނާކޮށްފިއެވެ.

އެ މިނިސްޓްރީ އިން މިއަދު ނެރެފައިވާ ސަރކިއުލަރ އެއްގައި ވާގޮތުން، ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވަނީ 11 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުން ފެށިގެން 15 ފެބްރުއަރީ ވާ ހޯމަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށެވެ.

މިއީ، ފުވައްމުލަކު ސިޓީއިން ކޮވިޑް-19 ފެނި، އެ ސިޓީ މޮނިޓަރިންގ ހާލަތަށް ގެނެވިފައިވާތީއާއި، ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާތީ ނިންމާފައިވާ ނިންމުމެއް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކުރުމާއެކު، މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުން ގޭގައި ނަމާދުކުރުމަށް 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައި ދެއްވުމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އަދި، މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިއުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް މިނިސްޓްރީ އިން ވަނީ ނަސޭހަތްތެރިވެފައެވެ.

މިސްކިތުގައި ނަމާދުކުރުން މަނާކުރުމުގެ އިތުރުން، ބައެއް އެހެން ފިޔަވަޅުތައްވެސް އެ ސިޓީގައި ވަނީ ނަގާފައެވެ. އެގޮތުން، ފުވައްމުލަކުގައި ގާއިމްކޮށްފައިވާ އޮފީސްތައް ބަންދުކޮށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް އޮންލައިންކޮށް ދިނުމާއި، ޒަރޫރީ ބޭނުމެއްގައި ފިޔަވައި އެއްގެއިން އަނެއް ގެޔަށް ޒިޔާރާތްކުރުމާއި ގެއިން ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން، ކެފޭ ރެސްޓޯރަންޓްތަކުން، އާންމުންނަށް ތަނުގައި ހިދުމަތް ދިނުން ހުއްޓައި ހަމައެކަނި ޑެލިވެރީގެ ހިދުމަތް ދިނުމަށް ކައުންސިލުން ވަނީ އަންގާފައެވެ. އެގޮތުން، މި ހިދުމަތް ދޭ އިރުވެސް ނަގުދު ފައިސާ ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފުވައްމުލައް ސިޓީ ލޮކްޑައުންކުރީ، މި ހަފްތާގެ އާދިއްތަ ދުވަހު އެ ސިޓީގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ދެ ސާމްޕަލްއެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.