އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ޗައިނާގެ ރައީސް ޝީ ޖިންޕިން ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.
މިއީ ބައިޑެން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޝީއާ މަޝްވަރާކުރެއްވި ފުރަތަމަ ފަހަރެވެ. މި ފޯނު ކޯލުގައި ޗައިނާގައި ހިނގަމުންދާ އިންސާނީ ހައްގުތަކާއި ޚިލާފް ކަންތައްތަކާއި ވިޔަފާރި އާއި ހޮންގ ކޮންގ ގެ މަޝްރަހާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޗައިނާގެ ސްޓޭޓް ޓީވީއިން ހާމަކޮށްފައިވާ ގޮތުގައި މި ފޯން ކޯލުގައި ޝީ ވަނީ ދެގައުމުގެ ގުޅުން ރަނގަޅު ނުވުމަކީ ދެގައުމަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. މި ފޯނު ކޯލު ކުރެވިފައި މިވަނީ ޗައިނީޒް އައު އަހަރާއި ދިމާކޮށް ކަމަށްވާއިރު މިއީ ދެގައުމުގެ ގުޅުން ރަނގަޅުވުމުގެ ފާލެއް ކަމަށް ވަނީ ބެލެވިފައެވެ.
މި ފޯނު ކޯލަށް ފަހު ކުރެއްވި ޓްވީޓެއްގައި ބައިޑެން ވަނީ އެމެރިކާގެ ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ޗައިނާގެ ސަރުކާރާއެކު މަސައްކަތްކުރައްވާނެ ކަމަށް ޝީގެ އަރިހުން ދެންނެވި ކަމަށް ވިދާޅުވެފައެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ވަނީ ޗައިނާގެ ޒިއާންޖިންގ ޕްރޮވިންސްގައި ވީގަރ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ކުރިޔަށް ގެންދާ އިންސާނީ ހައްގުތަކާއި ޚިލާފް އަމަލުތަކުގެ ކަންބޮޑުވުން މި ފޯން ކޯލުގައި ބައިޑެން ފާހަގަކުރެއްވި ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި ޗައިނާ އާއި އެގައުމާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ.