ދުންފަތުގެ އިސްތިއުމާލު ކުރުމަށް ފައިސާ އިސްރާފުކުރާ އިރު ވިސްނަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ހަލާލު ތަކެތި ބޭނުން ކުރުން" މި މައުލޫއަށް މިއަދުގެ ހުކުރު ހުތުބާގައި ވާހަކަ ދައްކާފައިވާއިރު ހުތުބާގައި ބުނީ، މުދަލުން އިސްރާފު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދުވާލެއްގެ މައްޗަށް އެތައް ފައިސާއެއް އެކަން ކުރާ ފަރާތްތަކުން ހޭދަކުރާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"ދުންފަތުގެ އިސްތިއުމާލު ކުރުމުގައި ދުވާލެއްގެ މައްޗަށް އެތައް ރުފިޔާއެއް އިސްރާފުކުރާ މީހުން ވިސްނާ ފިކުރު ކުރަން ޖެހެއެވެ. އޭގެ ސަބަބުން ހަށިގަނޑަށް އެދެވެނީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ؟ އެފަދަ ތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް އެކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އިޙްސާސްކުރެވޭ ހެއްޔެވެ؟"
ހުތުބާގައި ބުނީ، މުދަލާއި ފައިސާއަށް އިންސާނާގެ ހިތް ލެނބުމަކީ ތަބީޢީ ކަމެއް ކަމަށެވެ. އަދި އެތަކެއްޗަކީ އިންސާނާ ނުހަނު ލޯބި ކުރާ ތަކެތި ކަމަށެވެ.
ﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
"އަދި ތިޔަބައިމީހުން ވާރުތަ މުދާ ގިނަގިނައިން ކައި އުޅެމުއެވެ. އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބި ކުރަމުއެވެ"
މީގެ އިތުރުން ހޯދާ މުދަލަކީ ހަލާލު ގޮތުގައި ހޯދާ މުދަލަށް ހަދަން ޖެހޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
"ލޮބުވެތި މުސްލިމު އަހުންނޭވެ! ހަނދުމަ ކުރާށެވެ! ކިތަންމެ މުއްސަނދި މީހެއް ކަމަށްވި ނަމަވެސް އެމީހަކު ދުނިޔެ ދޫކޮށްފައި ދާން ޖެހެނީ މައްޔިތާގެ ހަށިގަނޑުގައި ކަފުނުގެ ގޮތުގައި އޮޅާލާ ތިންފޮށަ އާއި، އޭގައި އުނގުޅާ ޙަނޫތު ކޮޅައިގެންނެވެ. އޭނާ އެއްކުރިހައި މުދާތައް ވާރުތަ ވެރީންނަށް ދޫކޮށްފައެވެ.އެހެންކަމުން އިންސާނާ ހޯދާ މުދަލަކީ ހަލާލު ގޮތުގައި ހޯދައިފައިވާ މުދަލަކަށް ހަދަން އެބަޖެހެއެވެ. އޭނާއާއި އޭނާގެ އަނބިދަރީންނަށް ކާންދެވެނީ ހަލާލު ތަކެތިތޯ ބެލުން އޭނާގެ މައްޗަށް ވާޖިބު ވެގެންވެއެވެ."
ހުތުބާގައި ބުނީ ދުނިޔެއަށް ވުޖޫދުވާ ކޮންމެ މަހްލޫގެއްގެ ރިޒްޤު ވަނީ ކަނޑައެޅި ލިޔެވިގެންނެވެ. އެމީހަކަށް ކަނޑައެޅިފައިވާ ރިޒްޤު ފުރިހަމައަށް ލިބުމަށް ފަހުގައި މެނުވީ އެއްވެސް އިންސާނަކު ދުނިޔެ ދޫކޮށްފައި ނުދާނެއެވެ.
ﷲ ތައާލާ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ބިމުގައި ހިނގާބިނގާވެ އުޅޭ ދިރޭ އެއްޗެހީންގެ ތެރެއިން، އެއެއްޗަކަށް ﷲ ރިޒްޤު ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެތަކެތި ބިމުގައި އުޅޭ ތަނާއި، މަރުވެގެން ވަޅުޅާތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ"
ހުތުބާ ނިންމާލަމުން ބުނެފައިވަނީ މަސައްކަތް ކުރުމަކީ މާތްވެގެންވާ އިސްލާމްދީން ނުހަނު ބާރު އަޅާ ކަމެއްް ކަމަށާއި ކަންނެތްކަމާއި، ސަލާމް ޖެހުމަކީ، ދުރުހެލިވާން ޖެހޭ ކަމަށެވެ. އަދި ފައިސާ ހޯދަން ޖެހެނީވެސް އަދި އެފައިސާ ހޭދަ ކުރަން ޖެހެނީވެސް ހުއްދަ ކަންތައްތަކުގައިއާއި، ހުއްދަ ގޮތުގައި ކަމަށެވެ.