ރައީސް އިބްރާހިމް މުޙައްމަދު ސާލިހްގެ ވެރިކަމުގެ އެންމެ މުހިންމު އެއް ވަޢުދަކީ ހިލޭ ޑިގްރީ ޕްރޮގްރާމެވެ. ދަރިވަރުންނަށް ފުރަތަމަ ޑިގްރީ ހިލޭ ކިޔެވޭ ޕްރޮގްރާމަކީ ވަރަށްވެސް ބޭނުންތެރި އެހާމެ ދަރިވަރުންގެ އުންމީދު ބޮޑު ޕްރޮގްރާމެކެވެ. ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރުވެސް ސަރުކާރުން 39 މިލިއަންއަށްވުރެ ގިނަ ރުފިޔާ ވަނީ ހިލޭ ޑިގްރީގެ ދަށުން ކިޔަވާ ކުދިންނަށް ފޯރުކޮށްދީފައެވެ. އެއީ ގާތްގަނޑަކަށް 5،000 އަށްވުރެ ގިނަ ދަރިވަރުންނެވެ. ދައްކަން މިއުޅެނީ މިކަން ނުކޮށްދޭ ވާހަކައެއް ނޫނެވެ. މިކަން ކޮށްދީފިއެވެ. ނަމަވެސް މިކަމުގައި ވަރަށް ގިނަ ދަތި އުނދަގޫ ތަކާއި ދަރިވަރުން ކުރިމަތިލާންޖެހެއެވެ. އަވަސް އަރުވާލައިގެން ސަރުކާރުގެ 100 ދުވަހުގެ ވައުދު ތެރޭގައި ހިލޭ ޑިގްރީ ހިމަނައި އެއްވެސް ކަހަލަ ދުރާލާ ރޭވުމުގެ ވިސްނުމެއްނެތި ފެށި ހިލޭ ޑިގްރީގެ ކަންކަން ހުރީ އެންމެ ރަނގަޅަކަށް ނޫން ކަމަށް ބުނުމުގެ ޖާގަ ލިބޭ ކިތަންމެ ކަންކަމެއް ބައެއް ދަރިވަރުން އަޅުގަނޑުމެންނާ ހިއްސާ ކުރި މައުލޫމާތުން ހާމަވެއެވެ. 

ހިލޭ ޑިގްރީގެ ދަށުން އެގްރީމަންޓު ދަރިވަރާއި ހަޔަރ އެޑިއުކޭޝަން އާއި ދެމެދުވެވޭ ހިސާބަކީ ދަރިވަރު ހިލޭ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެވޭ ހިސާބެވެ. ހިލޭ ޑިގްރީ ޕްރޮގްރާމް ފުރަތަމަ ފެށީ ކޮލެޖު / ޔުނިވަރސިޓީތަކަށް ސަރުކާރުން ފައިސާ ދޫކުރާ އުސޫލުންނެވެ. މިގޮތުގެ މަތިން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ އެތަކެއް މައްސަލަތަކެއް މީޑިއާއަށް ފެންމަތި ނުވެ އެބަހުއްޓެވެ. ދަރިވަރުން އަމިއްލަ ޖީބުން ހިލޭ ޑިގްރީ ޕްރޮގްރާމްގެ ފީ ދައްކަން ޖެހުމާއި ރިފަންޑަށް އެދި ގިނަ ދުވަސްތަކެއް ވަންދެން ރިފަންޑު ނުލިބުމަކީ ހިލޭ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެފައި ކުދިންގެ ފަރާތުން ލިބިފައި ހުރި މަޢުލޫމާތެވެ. ސަރުކާރުގެ ކޮލެޖު ތަކަށް ދަރިވަރުން ފީ ދައްކަން ނުޖެހޭ އިރުގައި އަމިއްލަ ކޮލެޖު ތަކުން 2019 ވަނަ އަހަރު ސަރުކާރުން ފަންޑު ދިނުން ލަސްވުމުގެ ސަބަބުން ދަރިވަރުން އަތުން ވަނީ ފީ ނަގަން މަޖުބޫރުކޮށްފައެވެ. ތެދެކެވެ. އަމިއްލަ ކޮލެޖުތަކުގެ ޚަރަދު ބަރަދު ބަލައްހައްޓަނީ ލިބޭ އާމްދަނީ އަށް ބަލައިގެން ކަމުން ސަރުކާރުން ދޭނެ ދުވަހެެއް ދެންދެން ކޮލެޖުތަކަށް ބަލަހައްޓައިގެން ނުތިބެވޭނެއެވެ. 

ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން އަމިއްލަ ކޮލެޖު ތަކަށް ފައިސާ ލިބެނީ ދަރިވަރުގެ ކޯސްފީގެ 60 ޕަސެންޓެވެ. އެއީ މުޅި އަހަރުގެ ލިމިޓެވެ. ބާކީ ޖެހޭނީ ދަރިވަރުގެ އަމިއްލަ ޖީބުން ޚަރަދު ކުރާށެވެ. ދަރިވަރުގެ ޖީބުން ސަރުކާރު ޚަރަދު ކުރަންޖެހޭ 60 ޕަސެންޓު ޚަރަދު ކޮށް އޭގެ ރިފަންޑު ހޯދަން ގިނަ ކުދިން ކުރަންޖެހެނީ މިފަދަ ޒަމާނެއްގައި ވަރަށްވެސް ބުރަ މަސައްކަތްތަކެވެ. އެއްފަހަރު މިނިސްޓްރީއިން ދައްކާ ވާހަކަ އާއި ކޮލެޖުން ދައްކާ ވާހަކަ ދިމާނުވާ ވާހަކައަކީ ހިލޭ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ބައެއް ދަރިވަރުންގެ ދުލުން އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތެވެ. ޖަޒީރާއަށް މައުލޫމާތު ހިއްސާ ކުރަމުން މާލޭގެ އަމިއްލަ ކޮލެޖެއްގައި ކިޔަވާ ދަރިވަރަކު ބުނެފައިވަނީ  ޖޫން މަހުގައި އެދުނު ރީފަންޑު ސަރުކާރުން ދޫކޮށްފައިވަނީ އޭގެ ފަސް ހަމަސް ފަހުން މިނިސްޓްރީއާއި ކޮލެޖާއި މެދުގައި އެތައް ފަހަރު ހިނގައިގެންނެވެ. 

އަޅުގަނޑުމެން އުންމީދުކޮށްގެން ހުރީ މީ ވަރަށް ފަސޭހަވާނެ ކަމެއް ކަމަށް. ސަރުކާރުން 2019 ވަނަ އަހަރު ޖޫން މަހުގެ ވަކި ދުވަހެއްގެ ކުރިން ރިފަންޑަށް އެދި ފޯމް ހުށައަޅަން އެދުމުން އަޅުގަނޑުމެން ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ފޯމް ހުށަހެޅިން. އޭގެ ފަހުން މަސް ދެމަސް ފަހުން އަޅުގަނޑުމެން ގުޅާ މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލު ކުރުމުން ވިދާޅުވީ ޖަމާވާނޭ މިއަންނަ ހަފްތާގައި. އެގޮތަށް ދިޔަ ހަމަސްް. އެއްފަހަރު މިނިސްޓްރީއިން ބުނާނެ ކޮލެޖުން އިންވޮއިސް އެއް ނުފޮނުވައޭ އަނެއް ފަހަރު ކޮލެޖުން ބުނާނެ ފޮނުވައިފީމޭ. އަޅުގަނޑުމެން ދަރިވަރުން މިޖެހެނީ ކޮޮލެޖާާއި މިނިސްޓްރީއާ ދެމެދު ހިނގާލަ ހިނގާލަ ހުންނަން. މިހެން އެތައް ފަހަރެއްގެ މަތިން ފޯނުކޮށް ގުޅައި މިނިސްޓްރީ އަށް ގޮސްގެން އެންމެ ފަހުން ރިފަންޑު ލިބުނީ. އަދި އޭގެ ފަހުން ކޮލެޖަށް މިނިސްޓްރީއިން ދޭން ޖެހޭ ފައިސާ ނުދީގެން ކޮލެޖު ފީ އަމިއްލަ އަތުންވެސް ދެއްކިން. ގަބޫލު ކުރަން އެއްކޮށް ޑިގްރީ ފްރީއެއް ނޫން ކަން. އެކަމަކު ދަރިވަރުން މިޖެހެނީ މިކަމުގެ ބުރަ އުފުލަން. މިއީ ކުރިން މިކަމުގައި އަޅުގަނޑުމެން އުފުލި ބުރަ

ކުރިން އިދާރީ ގޮތުން ދަތި ތަކާއި ދިމާވާތީ ދަރިވަރުންގެ އެކައުންޓަށް ހިލޭ ޑިގްރީ ފަންޑު ފޯރުކޮށްދޭން އުނދަގޫވަނީ ކަމަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން ވަނީ މީޑިއާކަށް މަޢުލޫމާތުދެއްވާފައެވެ. 

ނަމަވެސް ދަރިވަރުން މިބުރަ އުފުލަން ޖެހޭތީ ނޮވެމްބަރު މަހުގެތެރޭގައި ސަރުކާރުން ވަނީ ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން ސަރުކާރުން ދޭން ޖެހޭ ފައިސާ އެއޮންނަ އުސޫލުގެ މަތިން އެދޭ ފަރާތްތަކަށް ދޫކުރާށެވެ. މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަނުން ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއުސޫލު ބަދަލުކުރެއްވީ ބައެއް ކޮލެޖްތަކުން އިންވޮއިސް ހުށަހެޅުމުގަ ލަސްތަކެއް ހުރުމުގެ ސަބަބުން ދަރިވަރަށް ފައިސާ ދިނުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން އެކަން ހައްލު ކުރުމުގެ ބޭނުމުގައިކަމަށެވެ. 

ނަމަވެސް 2020 ވަނަ އަހަރުވެސް އަނެއްކާވެސް މިބުރަ މި އުފުލަން ޖެހެނީ ހަމަ ދަރިވަރުންކަމަށް ގިނަ ދަރިވަރުން ބުނެއެވެ. ހަޔަރ އެޑިއުކޭޝަން އިން 2020 ޖެނުއަރީ 15 ވަނަދުވަހު ނެރުނު އިޢުލާންގައިވަނީ ހިލޭ ޑިގްރީގެ ސްކީމްގައި ބައިވެރިވެ، ކޮލެޖް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެެއިން އަމިއްލަ ޚަރަދުގައި ފީއެއް ދައްކާފައިވާނަމަ، އެފީއަކުން ކަނޑައެޅިފައިވާ މިންވަރު، 15 މަސައްކަތު ދުވަހުގެ ތެރޭގައި މިނިސްޓްރީއިން ދަރިވަރަށް ރިފަންޑު ކުރެވޭނެ ކަމަށެވެ. މިގޮތުން ރީފަންޑު ހޯދަން ބޭނުންފުޅު ވާކަމުގައިވާނަމަ ފައިސާ ދެއްކި ކަމުގެ ރަޝީދުގެ އަސްލު (ކޮލެޖު ޔުނިވަރސިޓީގެ ތައްގަނޑާއި އެއްކޮށް)، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، ބޭންކު އެކައުންޓް ވެރިފައި ކުރުމަށްޓަކައި ބޭންކުގެ ޑިޕޮސިޓް ސްލިޕް / އިންޓަރނެޓް ބޭންކިންގެ ސްކްރީން ޝޮޓެއް (އެކައުންޓް ނަމާއި އެކައުންޓް ނަމްބަރު ފެންނަގޮތަށް އަދި ދިވެހި ފައިސާގެ އެކައުންޓެއް ކަން) އެނގޭނެ ގޮތަށް ހުށަހެޅުމަށެވެ. އަދި ބަދަލުގައި އެހެން ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާ ކުރާކަމުގައި ވަނީނަމަ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހެޅުމަށް ވަނީ ހަޔަރ އެޑިއުކޭޝަންގެ އިޢުލާންގައި އެދިފައެވެ. 

ހަޔަރ އެޑިއުކޭޝަންގެ ފްރީ ޑިގްރީ ޕްރޮގްރާމުގައި ދަރިވަރު ބައިވެރިވެ ދަރިވަރު ސަރުކާރަށް ފީ އަނބުރަން ދައްކަންޖެހޭ ހާލަތްތަކެއްވެސް އެބަހުއްޓެވެ.

  • ފުރަތަމަ ޑިގްރީ ޕްރޮގްރާމަކަށް ދަރިވަރު އެންރޯލްވުމަށްފަހު މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަކާއިނުލާ ޕްރޮގްރާމް ފުރިހަމަ ނުކޮށް ހުއްޓާލުން
  • ދަރިވަރު ޕްރޮގްރާމުން ފެއިލްވެގެން ކިޔެވުން ހުއްޓާލުން
  • ޑިގްރީ ޕްރޮގްރާމަކަށް އެންރޯލްވުމަށްފަހު ޑިގްރީއަކަށްވުރެ ދަށް ސަނަދަކާއެކު ދަރިވަރު ޕްރޮގްރާމުން ވަކިވުން
  • ދަރިވަރު ދިވެހި ގައުމަށް ހިދުމަތްކުރަންޖެހޭ މުއްދަތުގައި ޚިދުމަތްނުކުރުން. 

ދަރިވަރުންނަށް ހަމަޖެހިފައިވާ ފަންޑެއްގެ ފައިސާ ދަރިވަރުން ރިފަންޑަށް އެދުނަސް ނޭދުނަސް ސަރުކާރުން ދަރިވަރުންނަށް ފޯރުކޮށްދެން ޖެހޭނެކަމަށް ގިނަ ދަރިވަރުން ބުނަމުން ގެންދެއެވެ. ދަރިވަރުން ރިފަންޑު ހޯދުމަށްޓަކައި ކޮލެޖަށް ދެއްކި ފައިސާ ތަކުގެ ރިސިޕްޓް ހުށަހަޅަންޖެހޭ ސަބަބަކީ ކޮބާތޯއެވެ؟ ދަރިވަރު ހިލޭ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވާ ހިސާބަކީ ދަރިވަރަށް އެއޮންނަ އުސޫލުން ކޮންމެ މަހަކު ފަންޑު ދޫކުރަންޖެހޭ ހިސާބެވެ. ދަރިވަރު އަމިއްލަ ޖީބުން ޚަރަދު ކުރިޔަސް އެކަމުގެ ތަފްސީލު ސަރުކާރަށް ދޭންޖެހޭ ސަބަބެއް ނުވިސްނެއެވެ. ސަރުކާރުން ދައްކަންޖެހޭ ލިމިޓަކަށް ފައިސާ ދޫކުރެވުނީމާ ސަރުކާރުގެ ޒިންމާ އަދާ ކުރެވުނީއެވެ. އަދި ދަރިވަރު ކޯސް ފުރިހަމަކޮށްފައި ނުވާނަމަ އެފަދަ ހާލަތެއް މެދުވެރިފައިވާނަމަ ގާނޫނީ ފިޔަވަޅު އެޅިދާނެ ނޫންތޯއެވެ؟ ކޮންމެ މަހެއްގެ ފީދެއްކުމަށްފަހު ދަރިވަރު ރިފަންޑަށް އެދުނަސް ނުއެދުނަސް ސަރުކާރުން ކަނޑައަޅާފައި މިންވަރަށް އެދަރިވަރަަކަށް ކޮންމެ މަހަކު ދޭނަމަ ދަރިވަރުން ކޮލެޖާއި މިނިސްޓްރީއާއި ދެމެދު ހިނގާކަށް ނުޖެހޭނެއެވެ. މިއޮއްފަދަ ޓެކްނޮލޮޖީ ޒަމާނުގައި ރިފަންޑަށް އެދި ކޮންމެ ފަހަރަކު ދަރިވަރު ބޭންކު އެކައުންޓް ސްކްރީން ޝޮޓާއި އެއްކޮށް މުއްދަތު ހަމަނުވާ އައިޑީ ކާޑު ފޮނުވަންޖެހޭ ސަބަބަކީ ކޮބާތޯއެވެ. ސަރުކާރުގައި މި މައުލޫމާތު ނެތީތޯއެވެ. އަދި ހިލޭ ޑިގްރީ ސްކީމްގައި ބައިވެރިވެފައިވާ ދަރިވަރެއްގެ ކޯސްފީގެ މައުލޫމާތު ސަރުކާރަށް ލިބިފައި ހުންނާނެ ކަން ކަށަވަރެވެ. ދަރިވަރުން ކޮލެޖުން ވަކިވުން ނުވަތަ ހާލަތެއް މެދުވެރިވުމުން ކޮލެޖު ނުވަތަ ޔުނިވަރސިޓީއިން ސަރުކާރަށް އެ މައުލޫމާތު ފޯރުކޮށްދެވިދާނެ ނޫންތޯއެވެ؟ އިތުރަށް ސަރުކާރުން ބޭނުންވަނީ ކޮން މައުލޫމާތެއް ތޯއެވެ. މިކަން މެނޭޖު ކުރަން ފަސޭހައަކަށް ދަރިވަރު މިޖެހެނީ ހުރިހާ ބުރައެއް އުފުލަންތޯއެވެ؟ ސަރުކާރުގެ އިހުމާލުން ދަރިވަރު ފީނުދެއްކިގެން ދަރަނިވާ ގޮތަށް އޮތް އޮތުމަކީ އެންމެ ރަނގަޅު ގޮތްތޯއެވެ؟ އެންމެންނަކީ އެންމެ ފުދުންތެރި ބަޔަކަށް ހަމަ ނުވެދާނެ ނޫންތޯއެވެ؟ މިއީ އަޅުގަނޑުމެންނާއި މައުލޫމާތު ހިއްސާކުރި ގިނަ ދަރިވަރުންގެ ސުވާލުތަކެވެ. 

ބައެއް ދަރިވަރުން ޖަޒީރާ އަށް މައުލޫމާތު ދިންގޮތުގައި ސަރުކާރުގެ ހަޔަރ އެޑިއުކޭޝަން ޕޯޓަލްގައިވެސް ބައިވަރު މައްސަލަތައް އެބަހުއްޓެވެ. ދަރިވަރު އަމިއްލަ އަށް އެދިގެން ހުށަހަޅާ ލިޔެކިޔުންތަކުގައި ދަރިވަރު ކޯސްފީގެ ތަފްސީލް ހިމަނައިފައި ވާއިރުވެސް ސަރުކާރުގެ ޕޯޓަލްއިން ދަރިވަަރުގެ ކޯސްގެ މައުލޫމާތު އަމިއްލަ އަށް އެޑް ކުރަން ޖެހުމަކީ އަނެއްކާވެސް ދަރިވަރަށް އިތުރު ބުރައެއް ކަމަށް ދަރިވަރުން ބުނެއެވެ. ދަރިވަރު ރިފަންޑު އަދި ފަންޑަށް އެދި ހުށަހަޅާއިރުގައި ކޯހުގެ މައުލޫމާތުގެ ޝީޓެއް ސަރުކާރަށް ހުށަހަޅާކަމަށް ބައެއް ދަރިވަރުން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވައެވެ. އެހެންކަމުގައި ވަނީނަމަ ދަރިވަރު އަނެއްކާވެސް މިޕޯޓަލަށް ވަދެ މި މައުލޫމާތު ހުށަހަޅަންޖެހޭ ސަބަބެއް އެބައޮތްތޯ އެ ދަރިވަރުން ސުވާލު އުފައްދައެވެ. މިޕޯޓަލްގައި ހުރި ބައެއް އެހެނިހެން މައުލޫމާތު ދަރިވަރު އަމިއްލަ އަށް ފުރިދާނެކަމަށް ވެސް އެކުދިންބުނެއެވެ. ނަމަވެސް ދަރިވަރުގެ ކޯހުގެ މައުލޫމާތާއި، ދަރިވަރުގެ އެޑިއުކޭޝަން ބެކްގްރައުންޑް އަމިއްލަ އަށް އަނެއްކާ ދަރިވަރު ލައްވާ ފުރުވަން މި އެޕްލިކޭޝަން އިން ބާރުއަޅަނީ މިކަން ކުރާނެ އިދާރީ ބައެއް ހަޔަރ އެޑިއުކޭޝަންގައި ނެތީމަތޯ އަޅުގަނޑުމެންނާއި މައުލޫމާތު ހިއްސާ ކުރި ދަރިވަރުން ސުވާލު އުފެއްދިއެވެ. އީމެއިލް މެދުވެރިކޮށް ޕޯޓަލަށް ވަނުމަށްފަހު ދަރިވަރުގެ އައިޑީ ކާޑުގެ ނަންބަރާއި ސީރިއަލް ނަންބަރު ޖަހާފައި ޕޯޓަލް އަށް ވަންނައިރު ޕޯޓަލްގައި ހުރި މައުލޫމާތުތަށް ފުރިހަމަ ކުރަން މި އަންގަނީ އަނެއްކާވެސް ދަރިވަރާއެވެ. މި މައުލޫމާތު ހަޔަރ އެޑިއުކޭޝަނަށް ދަރިވަރު ދެއްވައިފައި ހުންނާނެ ނޫންތޯއެވެ؟ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުސަމް ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލަށް އެޕްލިކޭޝަން ހުށަހަޅާ ދަރިވަރަކު ނަމަ ކޯހުގެ މައުލޫމާތު ހުށަހަޅަންޖެހޭ ސަބަބަކީ އެކި ކޯހަށް ސަރުކާރުން ޚަރަދު ކުރަނީ އެކި މިންވަރަށް (ކަނޑައެޅިފައިވާ ރޭޓުން) ކަމުގައިވާތީއެވެ. އަދި ކިޔަވަމުންދާ ދަރިވަރަކު ޕޯޓަލްގައި ރެޖިސްޓަރ ވުމަށް މައުލޫމާތު ފުރިހަމަ ކުރަން ޖެހޭނީ އެންމެ ފަހަރަކުއެވެ. ނަމަވެސް އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތު ކުށް ކަމުގައި ނުވަނީ ނަމަ އެދަރިވަރަކީ އަލަށް ކޯހުގައި ބައިވެރިވެފައިވާ ފަރާތެެއް ނޫން ކަމަށާއި ރިފަންޑުވެސް ލިބިފައިވާ ދަރިވަރެއްކަމަށް ދަރިވަރު މައުލޫމާތުދެއްވައެވެ. 

ސަރުކާރުން ފަންޑު ނުވަތަ ރީފަންޑު ހޯދުމަށްޓަކައި ދަރިވަރުން "ގަނަ" ތެޅެން މިޖެހޭ ހިލޭ ޑިގްރީ މިވަނީ މިއަދު ވޭނަކަށް ވެފައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދިވެސް 2019 ވަނަ އަހަރު ހިލޭ ޑިގްރީގެ ރިފަންޑަށް އެދުނު ބައެއް ފަރާތްތަކަށް ރިފަންޑު ނުލިބެއެވެ. މިދިޔަ އަހަރު ޑިސެމްބަރު 15 ގެ ކުރިއަށް ރީފަންޑަށް އެދި ހުށަހެޅުމަށް ވަނީ އިޢުލާނެއް ނޮވެމްބަރު މަސްތެރޭގައި ހަޔަރ އެޑިއުކޭޝަން އިން ނެރެފައެވެ. ޖަޒީރާ އަށް މައުލޫމާތު ދިން ބައެއް ދަރިވަރުންގެ އޭގެ ފަހުގެ ތާރީޚެއްގައި ހުށަހެޅުމުން ރީފަންޑު ނުލިބޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން އިން ބުނެފައިވާ އީމެއިލް ތަކުގެ ސްކްރީން ޝޮޓް ޖަޒީރާ ޓީމަށް ވަނީ ލިބިފައެވެ. އަދި ދާދި ފަހުން 2020 ޖެނުއަރީ 15 ވަނަ ދުވަހު ސަރުކާރުން ނެރުނު އިޢުލާންގައި ބުނެފައިވަނީ ދަރިވަރު ރީފަންޑަށް އެދި ހުށަހަޅާތާ މަސައްކަތު 15 ދުވަސްތެރޭގައި ރީފަންޑު ލިބޭނެކަމަށެވެ. މި ލިބެނީ ކޮން އަހަރެއްގެ ރީފަންޑެއް ކަމެއް އެ އިޢުލާންގައި ހާމަކޮށްފައެއް ނުވެއެވެ. އަނެއްކާވެސް ދަރިވަރުން އެތިބީ ސުވާލު މާކެއްގެ ތެރޭގައޭ ބުނުމުގެ ޖާގަ އެބައޮތެއް ނޫންތޯއެވެ؟ ޖަޒީރާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަޔަރ އެޑިއުކޭޝަންގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުސަމް ވިދާޅުވީ ޖެނުއަރީ 2019 އިން ފެށިގެން ދަރިވަރުންގެ އަމިއްލަ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ފައިސާ ދައްކާފައިވާނަމަ އެދަރިވަރަކު ރީފަންޑަށް އެދި ހުށަހެޅުމުން، ކަނޑައެޅިފައިވާ އުސޫލުން، ކަނޑައެޅިފައިވާ މިންވަރަށް ވާނީ ފައިސާ ދޫކުރެވިފައިވާކަމަށެވެ. ޑިސެމްބަރުގެ ކުރިއަށް ރީފަންޑަށް އެދި ހުށަހެޅުމަށް އިއުލާން ކުރެވިފައިވަނީ ވީހާވެސް ގިނަ ދަރިވަރުންނަށް 2019ގެ ބަޖެޓުން ރީފަންޑް ފައިސާ ދިނުމުގެ ގޮތުންނެވެ. އެހެން ނަމަވެސް ބައެއް ދަރިވަރުންނަށް މިމުއްދަތުގެ ތެރޭގައި ރީފަންޑަށް ހުށަނޭޅި އިތުރު ފުރުސަތަކަށް އެދެމުން ދިއުމުގެ ސަބަބުން ވަނީ އަލުން ފުރުސަތު ހުޅުވާލާފައިކަމަށް ހަޔަރ އެޑިއުކޭޝަންގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުސަމް ޖަޒީރާއަށް މައުލޫމާތު ދެއްވިއެވެ.  

ބައެއް ދަރިވަރުން ސަރުކާރަށް ޑިޕެންޑުވެ ކޮލެޖު ފީ ނުދައްކައި ހުރުމުގެ ސަބަބުން ޖޫރިމަނާ އާއި ކުރިމަތިލާން ޖެހިފައި އެބަހުއްޓެެވެ. ކުރިން ކޮލެޖު ތަކާއި މިނިސްޓްރީއާއި ދެމެދު މިކަން ރަނގަޅަށް ނުދިޔަ އިރު މިއަދުވެސް ދަރިވަރުން މިޖެހެނީ ދަރިވަރުންނަށް ލިބެންޖެހޭ ފަންޑު ހޯދަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ކޮލެޖާއި ދޭތެރޭ ހިނގާލަ ތިބެން ކަމަށް ގިނަ ދަރިވަރުން އަޅުގަނޑުމެންނަށް މައުލޫމާތުދެއެވެ. މިއަށްވުރެ ފަސޭހައިން މިކަންވާން ހަމަ ނެތީތޯއެވެ؟ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުވެ ހުންނެވީ ރައީސް އިބްރާހިމް މުޚައްމަދު ޞާލިހްގެ ކޯލިޝަން ވެރިކަމުގެ ފަރާތުން މައުމޫންގެ ބޭފުޅެކެވެ. ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ދަރިވަރުން ބޭނުންވާ ފެންވަރަށް މި ވަޢުދު ނުދާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ފޯރުކޮށްދެއްވި ދަރިވަރުންނާއި ބައެއް ކޮލެޖު ތަކުގެ ވާހަކައިން ހާމަވެއެވެ. ފަހަރުގައި ވަޢުދުވީ އެހެން ޕާޓީއެއް ކަމުން ކަންކުރަންވީ ގޮތް ނޭނގެނީ ކަމަށް ވެދާނެ ނޫންތޯއެވެ. ޒަމާނީ ގޮތްތަކަށް ކަންކަން ރާވައި ހިންގާނަމަ މިބުރަ ދަރިވަރުން އުފުލާކަށް ނުޖެހޭނެއެވެ. ޕޯޓަލްއަށް ލޮގްއިން ވާާއިރުގައި ދަރިވަރުގެ މައުލޫމާތައި ކޯހުގެ މައުލޫމާތު ހުންނަންވާނީ ފެންނާށެވެ. ދަރިވަރު ބޭނުންކުރާ އީމެއިލްއަށް ހަޔަަރ އެޑިއުކޭޝަން އިން އީމެއިލް ކުރައްވާ ކަމުގައިވަނީ ނަމަ ދަރިވަރު އެވަނީ ދަރިވަރުގެ އީމެއިލް އެޑްރެސް މިނިސްޓްރީ އާއި ހިއްސާކޮށްފައެވެ. ކޮންމެ އަކަސް މިކަމަށް ހައްލެއް އެދޭ ކިތަންމެ ދަރިވަރުންނެއް އެބަތިއްބެވެ. އެމީހުން 2019 ވަނަ އަހަރު ހިލޭ ޑިގްރީގެ ފަންޑާއި ރިފަންޑް ހޯދަން ވަރަށް "ގަނަ ތަޅުވައިފި" އެވެ. ސަރުކާރުގެ ކޮލެޖު ތަކަށް ފީ ދައްކަން ނުޖެހުނަސް އަމިއްލަ ކޮލެޖުތަކަށް ދަރިވަރުން ފީދައްކަން މަޖުބޫރު ވަނީއެވެ. މިއީ ދަރިވަރުން "ގަނަތެޅުވުން" ނޫން ދެން ކޮންކަމެއްތޯއެވެ؟ 2020 ވަނައަހަރުވެސް ހަމަ އޮތީ މިގޮތްތޯ ގިނަ ދަރިވަރުން ސުވާލު އުފައްދައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.