މުވައްޒަފުންތަކަކަށް ޖިންސީ ގޯނަ ކުރި ކަމުގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން އޭނާ ރާއްޖެއިން ބޭރަށް ފުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.

މި މައްސަލަ މަޖިލީހަށް ވެއްދީ މަޖިލީހުގެ އަންހެން މެމްބަރުން ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވބާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ އިތުރުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. މި ހަތަރު މެމްބަރުން ސޮއި ކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ އަލީ ވަހީދު ފުރައިގެން ދިޔަ މައްސަލަ ބަލާ ދިނުމަށް އެދިފައެވެ.

މިފަދަ ބޮޑެތި ސީރިއަސް ތުހުމަތުތަކެއްކޮށް، ތަހުގީގުކުރެވި، ދައުވާ އުފުލާފައިވާ މައްސަލައެއްގައި ދައުވާ އުފުލާފައިވާ ފަރާތުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުން އެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ މެމްބަރުން ވިދާޅުވެފައިވަނީ މިއީ އަނިިޔާ ލިބުނު ފަރާތްތަކަށް ލިބުނު އިތުރު އަނިޔާއެއް ކަމަށެވެ.

މިޒާތުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ގެންނަންޖެހޭ ބަދަލުތަކަކީ ކޮބާތޯ ދެނެގަނެ، އެ ބަދަލުތައް ތަންފީޒު ކުރުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅާދިނުމަށް މި ސިޓީގައި އެދިފައިވެއެވެ.

ޖިންސީ ކުށުގެ ހަތް ދައުވާ އުުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓް އޮތީ އިއްޔެ އާއި ހަމަޔަށް ހިފަހައްޓާފަ އެވެ.

އިއްޔެ ބޭއްވި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު ވަަނީ މުރާޖާކޮށްފައެވެ. އެގޮތުން ޝަރީއަތުގެ މަޖިލީހަށް އޭނާގެ ޑޮކްޓަރަކު ހާޒިރުކުރުމުން އޭނާގެ މައި ބަދައިގެ ޑިސްކްތަކެއް ގުޑާފައިވާ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.

ޑޮކްޓަރު މިގޮތަށް ޝަރީއަތުގެ މަޖިލީހުގައި ބުނުމާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ވަނީ ބާތިލްކޮށްފަ އެވެ. އަދި އިއްޔެ އިރު އޮއްސުނު ވަގުތު އަލީ ވަހީދު ރާއްޖެއިން ފުރައިގެން ގޮސްފައިވާކަން ވަނީ "ޖަޒީރާ" އަށް ކަށަވަރުކުރެވިފަ އެވެ. އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ ކޮން ގައުމަކަށް ކަން އަދި ކަށަވަރުވެފައިނުވާއިރު ރާއްޖެއިން ފުރައިގެން ދިޔަ ސަބަބު ވެސް ޔަގީންކުރެވިފައެއް ނުވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.