މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހިންގާފައިވާ ބޮޑު ހިޔާނާތު ގައި ޝާމިލްވި ކަމުގެ ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހަސަން މަނިކުގެ ޝަރިޔަތް ނިމެންދެން ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ނެރެފި އެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ ޝަރިއަތް ފަށާ ފުރަތަމަ އަޑު އެހުން ވަނީ މިއަދު ބާއްވާފައެވެ.

ޝަރިއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، މައްސަލަ ކުރިޔަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ. ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ވަކީލަކު އައްޔަންކުރަން ދުވަސްތަކެއް ނަގާފާނެ ކަމަށް ލަފާކުރެވޭތީވެ ނިހާން އެދިވަޑައިގެންނެވީ ވަކީލަކު އައްޔަން ކުރަން ދެވެން އޮތް އެންމެ ރަނގަޅު ފުރުސަތެއް ދެއްވުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ވަކީލަކު އައްޔަން ކުރަން މިވަގުތު ދެވޭނީ 10 ދުވަހުގެ މުހުލަތެއް ކަމަށެވެ. އެކަމަކު އެ މުހުލަތުގެ ތެރޭގައި ވަކީލަކު އައްޔަން ނުކުރެވިއްޖެނަމަ އިތުރު ފުރުސަތަކަށް އެދެވިދާނެ ކަމަށެވެ.

އަޑުއެހުމުގައި ދައުލަތުން އެދުނީ ނިހާނުގެ ޕާސްޕޯޓް ހިފަހައްޓަން ކުރިން ނެރެފައިވާ އަމުރު މިއަދަށް ހަމަވާތީވެ އިތުރު އަމުރެއް ނެރެދޭން އެދިފަ އެވެ.

ނިހާން ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން ރާއްޖޭ ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި ބަލިވިޔަސް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ބޭރަށް ފުރަން އެދިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ނިހާނު ވަނީ ދައުލަތުން އެދޭ ގޮތަށް ޕާސްޕޯޓް ހިފެހެއްޓުމަށެވެ.

ޕާސް ޕޯޓް ހިފަހައްޓަން ބޭނުން މުއްދަތަކަށް ހިފަހައްޓާ

ގާޒީ ވިދާޅުވީ، މައްސަލަ ނިންމުމަށްޓަކައި ދައުވާ ލިބޭ ފަރާތް ހުރުމަކީ މުހިއްމު ކަމަކަށްވާއިރު ނިހާނުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރޭ ކަމަށެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާއި އެ ދަޢުވާތަކުގެ ތަފްސީލު:

  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ

މި ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްއަފޫރު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ އެއްސަތޭކަ ފަންސާސްހާސް އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ އެވެ.

  • މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ

މި ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ހައިސިއްޔަތުން، އަޙްމަދު އަދީބު އަބްދުލްއަފޫރު ދޭ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން އޭނާ އަށް ޝައްކުކުރެވެންޖެހޭ ހާލަތުގައި، އަޙްމަދު އަދީބު ޢަބްދުލްއަފޫރު މެދުވެރިވެގެން އެއްސަތޭކަ ފަންސާސްހާސް އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ އެވެ.

  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ

2014 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުރި ހ. ސާމަރާ، އަހްމަދު އަދީބު ޢަބްދުލްއަފޫރު ގާތު ނިހާން އެދިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ

މި ދައުވާ އުފުލާފައިވަނީ 2014 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުރި ހ.ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގާތު އެދުމުން، ކ.މާލެ، މ. ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީއެވެ.

  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ

މި ދައުވާ އުފުލާފައިވަނީ ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ ހ.ސާމަރާ، އަޙްމަދު އަދީބު އަބްދުލްއަފޫރު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި ހަ ސަތޭކަ ފަންސާސް ހާސް ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ޢަބްދުލްއަފޫރު ގާތު އެދިފައިވާތީ އެވެ.

  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ

މި ދައުވާ އުފުލާފައިވަނީ ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްއަފޫރު އަންގާ ގޮތަށް އަދާކުރުމުގެ މުޤާބިލުގައި، ހަ ސަތޭކަ ފަންސާސް ހާސް ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގާތު އެދުމުން، އަދީބް އެ އަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާތީއެވެ.

މިދިޔަ ސަރުކާރުގެ ތެރޭގައި ހިނގާދިޔަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން އޭރުގެ މަޖިލިސް ގިނަ މެންބަރުންނަށް ބޮޑެތި އަދަދުން ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. ކޮމިޝަނުން ދަނީ އެފަދަ ގިނަ މެންބަރުންގެ މައްސަލަ ބަލަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.