ނަރަކައަކީ މާތްﷲ އުރެދުން މީހުން ލުމަށް ތައްޔާރުކުރައްވާފައިވާ ތަނެކެވެ. ނަރަކައިގެ ވޭންދެނިވި އަޒާބުގެ ވާހަކައިން އިސްވެދިޔަ އުންމަތްތަކުގެ ރަސޫލުންނާއި ނަބީންގެ އިތުރުން މިއުންމަތުގެ ރަސޫލާ صلى الله عليه وسلم ވެސް ވަނީ އުންމަތައްް އިންޒާރު ދެއްވާފައެވެ. އެތާނގެ އަލިފާނުގެ ހޫނަކީ އިންސާނާއަށް ތަސައްވަރުވެސް ކޮށް ނުލެވޭނެ ވަރުގެ ހޫނެކެވެ.
ނަރަކައިގެ ދަރަކީ އިންސާނުންނާއި ހިލައެވެ. ނަކަރައިގެ ވަށައިގެން ބަނޑޭރިންގެ ގޮތުގައި މަލާއިކަތުން ލައްވާފައިވެއެވެ. ނަރަކައިގެ އަޒާބުގެ ވާހަކަ ދައްކާއިރު، ނަރަކައިގެ އެންމެ ކުޑަ އަޒާބަކީ ކޮބައި ކަން އެނގުން މުހިންމެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއެވިއެވެ.
" إِنَّ أَدْنَى أَهْلِ النَّارِ عَذَابًا يَنْتَعِلُ بِنَعْلَيْنِ مِنْ نَارٍ يَغْلِي دِمَاغُهُ مِنْ حَرَارَةِ نَعْلَيْهِ"
މާނަ: "ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިންގެ ތެރެއިން އެންމެ ކުޑަ ޢަޛާބުދެވޭ މީހާ، އަލިފާނުންވާ ފައިވާން ޖޯޑަކަށް އެރުވޭނެއެވެ. އެ ފައިވާން ޖޯޑުގެ ހޫނުކަމުން، އޭނާގެ ސިކުނޑި ކެކެމުން ދާނެއެވެ"
އިސްވެ މިދެންނެވުނީ ނަރަކައިގެ އެންމެ ކުޑަ އަޒާބުގެ ވާހަކައެވެ. އެ އަޒާބުގެ ސަބަބުން އިންސާނާގެ ސިކުނޑި ކެކެމުންދާ ވޭންދެނިވި އަޒާބެއްގެ ވާހަކައެވެ. އެހެންކަމުން ނަރަކައިގެ އަހުލުވެރިންނަށް ލިބޭނެ އަޒާބުގެ ނުބައިކަން ނިކަން ވިސްނާލައްވާށެވެ.
އަދި ނަކައިގެ އަޒާބުގެ މަތިން ގިނަގިނައިން ހަނދުމަކޮށް، ސުވަރުގެ ވަންތަވެރިއަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރަމާ ހިނގާށެވެ. ހަމަ ޔަޤީނުންވެސް ނަރަކައިގެ އަޒާބަކީ ނުބައިކަން ބޮޑުވެގެންވާ ވޭންދެނިވި އަޒާބެކެވެ.