ބ. ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށެވެ. އަދި ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 51،861.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 108 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 283 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭއެވެ. އަދި ނެރު ބައްތި މަގު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 48.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.