އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޑރ. މުހައްމަދު ޒާހިރު އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
ޑރ. މުހައްމަދު ޒާހިރު އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީގެ 9 މެމްބަރުން ވޯޓު ދެއްވިއެވެ. މިގޮތަށް ކޮމިޓީން ނިންމާފައިވަނީ ޑރ. ޒާހިރުއާއި އިއްޔެ އިންޓަރވިއު ކުރުމަށްފަހުއެވެ.
ޑރ. ޒާހިރު ވަނީ މީގެ ކުރިން އެ ކޮމިޝަނުގައި މަސައްކަތް ކުރައްވާފައެވެ. އަދި އޭނާ ވަނީ ޑިވެލޮޕްމެންޓް އެޑްމިނިސްޓްރޭޝަނުން ޕީއެޗްޑީ ހާސިލު ކުރައްވާފައެވެ.
އެ ކޮމިޝަނުގައި މަގާމެއް ހުސްވީ އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަކުރަމް އީސީން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އޭނާ ވަކިކުރުމަށް ނިންމާފައިވަނިކޮށެވެ. އަކުރަމް ހުންނެވީ އޭރު އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމުގައެވެ. އެ މަގާމުގައި މިހާރު ހުންނެވީ އީސީގެ މެމްބަރު އިސްމާއިލް ހަބީބް އެވެ.