ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމް ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ 770 ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަލަށް ކިޔަވާ 299 ދަރިވަރެއްގެ އިތުރުން މިހާރު ކިޔަވަމުންދާ 471 ދަރިވަރަކަށް ހުޅުވާލާފައިވާ ކަަމަށެވެ. މިދިޔަ އަހަރު ސަރުކާރުން ހުޅުވާލީ ޖުމްލަ 550 ލޯނުގެ ފުުރުސަތެވެ.
މި ލޯނުތަކަށް އެދެވޭނީ މާޗް މަހުގެ ހަތަރު ވަނަ ދުވަހާ ހަަމަޔަށެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ކެޓަގަރީން ޕޮއިންޓް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ފިތުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި، އެކަޑަމިކް މެރިޓް ސްކޯއިން އެއްމެ މަތިން ސްކޯރ ކުރާ ފަރާތްތަކަށް ކަމަށެވެ.
ރާއްޖޭން ބޭރުން ކިޔަވަމުންދާ ދަރިވަރުންގެ ކެޓަގަރީން ޕޮއިންޓް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ކިޔަވަމުންދާ ކޯސް ނިންމުމަށް ކުރު މުއްދަތެއް އޮތް ފަރާތްތަކަށާއި، ފިތުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އިތުރުން އެކަޑަމިކް މެރިޓް ސްކޯރއިން އެއްމެ މަތިން ސްކޯ ކުރާ ފަރާތްތަކަށެވެ.
ލޯނު އެހީގެ ގޮތުގައި ނެގި ފައިސާ އާއި، ލޯނު ދޫކުރުމަށް ދިން ހިދުމަތުގެ އެޑްމިނިސްޓްރޭޓިވް ޗާޖްގެ ގޮތުގައި އެފައިސާގެ ތިން ޕަސެންޓަށް ވާ ޖުމުލަ މިންވަރު، ކޯސް ނިމޭ ތާރީހުން ފެށިގެން ލަސްވެގެން ހަތް ވަނަ މަހުން ފެށިގެން، ކަނޑައެޅިފައިވާ އެކައުންޓަކަށް އަނބުރާ ދައްކަން ފަށަންވާނެ އެވެ.
ލޯނުގެ ފުރުސަތުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔެވުމަށް އެހީ ދޭނީ ދޫކުރާ ފައިސާ ދޫކުރާނީ ކޯހާއި ގުޅޭ ގޮތުން މަރުކަޒަށް ދައްކާ ފައިސާ، ކޯހުގައި ހުންނަ މުއްދަތަށް ދިރިއުޅުމުގެ ހަރަދު، އަލަށް ކިޔަވަން ފަށާ ދަރިވަރުންނަމަ ޓިކެޓް ހަރަދާއި އެސްޓެބްލިޝްމަންޓް އެލަވަންސް، ބުކް އެލަވަންސް، ކޯސް ނިމި އަނބުރާ އައުމަށް ޑިޕާޗާ އެލަވަންސް، ހެލްތް އިންޝުއަރަންސް އަދި ވިސާ ފީ އެވެ.
ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ފައިސާ ދޫކުރާނީ ކޯހާއި ގުޅޭގޮތުން މަރުކަޒަށް ދައްކާ ފައިސާ، ކޯހުގައި ހުންނަ މުއްދަތަށް ދިރިއުޅުމުގެ ހަރަދު، އަދި ބުކް އެލަވަންސެވެ.
އިއުލާނުގެ މުއްދަތު ހަމަވުމުގެ ހަތް ދުވަސް ހަމަވުމުގެ ކުރިން މި 26 ކުރިން ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީން ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭނަމަ އެކަން އަންގައި ރަނގަޅު ކުރުމަށް ފުރުސަތު ދެވޭނެ އެވެ.
ލޯނާއި ގުޅޭ މައުލޫމާތު ޝެޝަންތައް އޮންނާނީ މި މަހުގެ 18 އަދި 25 ވާ ބުރާސްފަތި ދުވަހު 13:00 އިން 14:00 އަށް ފޭސްބުކް ލައިވް މެދުވެރިކޮށެވެ.