އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 55 އަށް އަރައިފިއެވެ.
އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން މައުލޫމާތުދޭ ގޮތުގައި އެ ރަށުގައި މި ވަގުތު ވައިރަހަށް ފަރުވާ ހޯދަމުންދަނީ ވެސް 55 މީހުންނެވެ. މީގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައެވެ.
އޭއީއޯސީން ބުނީ އެމްޓީސީސީ ކްލަސްޓަރއާއި ގުޅިންހުރި 26 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހޯމް ކަރަންޓީނުގައި ހުރި އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.
އެ ސެންޓަރުން އިތުރަށް ބުނީ އޭވިއޭޝަން ކްލަސްޓަރ އިން 28 މީހެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ކްލަސްޓަރ އިން ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުވި މީހުންގެ އަދަދު 310 އަށް އަރައެވެ.
އައްޑޫ ސިޓީގައި ކޮވިޑް ފެތުރެން ފަށާފައިވާއިރު، އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ކަރފިއު ހިންގުމާއި އެއްވުންތައް ބޭއްވުން މަނާކޮށް، ސްކޫލްތަކާއި ކޮލެޖުތައް ވަނީ ބަންދުކޮށްފައެވެ.