ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ އުފުލާފައިވާ ހަ ދައުވާގެ ޝަރީއަތް މިއަދު ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ނިހާންގެ މައްޗަށްކުރާ ދައުވާތަކުގެ އަޑުއެހުންތައް ތާވަލުކޮށްފައިވަނީ މިއަދުގެ 13:30 އަށެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާއި އެ ދަޢުވާތަކުގެ ތަފްސީލު:

  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ

މި ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްއަފޫރު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ އެއްސަތޭކަ ފަންސާސްހާސް އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ އެވެ.

  • މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ

މި ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ހައިސިއްޔަތުން، އަޙްމަދު އަދީބު އަބްދުލްއަފޫރު ދޭ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން އޭނާ އަށް ޝައްކުކުރެވެންޖެހޭ ހާލަތުގައި، އަޙްމަދު އަދީބު ޢަބްދުލްއަފޫރު މެދުވެރިވެގެން އެއްސަތޭކަ ފަންސާސްހާސް އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ އެވެ.

  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ

2014 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުރި ހ. ސާމަރާ، އަހްމަދު އަދީބު ޢަބްދުލްއަފޫރު ގާތު ނިހާން އެދިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ

މި ދައުވާ އުފުލާފައިވަނީ 2014 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުރި ހ.ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގާތު އެދުމުން، ކ.މާލެ، މ. ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީއެވެ.

  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ

މި ދައުވާ އުފުލާފައިވަނީ ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ ހ.ސާމަރާ، އަޙްމަދު އަދީބު އަބްދުލްއަފޫރު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި ހަ ސަތޭކަ ފަންސާސް ހާސް ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ޢަބްދުލްއަފޫރު ގާތު އެދިފައިވާތީ އެވެ.

  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ

މި ދައުވާ އުފުލާފައިވަނީ ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްއަފޫރު އަންގާ ގޮތަށް އަދާކުރުމުގެ މުޤާބިލުގައި، ހަ ސަތޭކަ ފަންސާސް ހާސް ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގާތު އެދުމުން، އަދީބް އެ އަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާތީއެވެ.

މިދިޔަ ސަރުކާރުގެ ތެރޭގައި ހިނގާދިޔަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން އޭރުގެ މަޖިލިސް ގިނަ މެންބަރުންނަށް ބޮޑެތި އަދަދުން ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. ކޮމިޝަނުން ދަނީ އެފަދަ ގިނަ މެންބަރުންގެ މައްސަލަ ބަލަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.