ރާއްޖޭގައި އިސްލާމްދީނަށް މީހުން އުޅުމަށް މަޖުބޫރު ކުރާކަމާއި، މުސްލިމް އާއިލާއަކަށް އުފަންވީ ކަމުގައި ވިޔަސް އުޅެންވީ ދީން އިޚްތިޔާރު ކުރުމުގެ މިނިވަންކަން އޮންނަން ވާނެ ކަމަށް ވަކާލާތުކޮށް މީސްމީޑިޔާ މެދުވެރިކޮށް، އިސްލާމް ދީނަށް ފުރައްސާރަކުރި އުފާ ފަހުމީގެ ޖެހިލުން ކުޑަކަމާއި ހިތްވަރަށް، މީގެ އެތައް އަހަރެއް ކުރިން އިސްލާމްދީން ދޫކޮށް ފާޅުގައި އިސްލާމްދީނުގެ އުސޫލުތަކަށް މަލާމާތް ކުރަމުންދާ މުޖޫ ނަޢީމް ސާބަސްދީ ތަޢްރީފް ކޮށްފިއެވެ. ލަނޑަޔާވާނީ ލަނޑަޔާއޭ ބުނާ އުސޫލުން، އުފާގެ މި ޢަމަލު ކޮށްވެރިކޮށް އެތައް ބަޔަކު އުފާގެ ވީޑިއޯތަކަށް ކޮމެންޓްކޮށް ހެދި އިރު ފާޅުގައި އުފާއަށް ހިތްވަރުދިން ފުރަތަމަ މީހަކަށް މިވީ، އުފާ ފަދައިން ދީނަށް ގޮންޖަހާ ހެދުމުގެ ސަބަބުން މީހުންގެ ނުރުހުން އަމާޒުވުމުން ކެނެޑާއިން ރައްވެހިކަން ލިބުމުން އެގައުމަށް ދިރިއުޅުން ބަދަލުކޮށްފައިވާ، މަޝްހޫރު ވިޔަފާރިވެރިޔާ މޮނާޒާ ނަޢީމްގެ ފިރިހެންދަރިއެއް ކަމަށްވާ މުޖޫ ނަޢީމެވެ.
ފޭސްބުކުގައި ހުރި އުފާ ފަހުމީގެ ބައެއް ޕޯސްޓްތަކަށް ކޮމެންޓްކޮށް މުޖޫ، ބުނީ އުފާ އަކީ ހިތްވަރު ގަދަ ކުއްޖެއްކަމަށާއި، އުފާގެ ޖެހިލުންކުޑަކަމަށް ސާބަސް ދޭކަމާ، އަދި އުފާ އާއި މެދު ފަޚުރިވެރިވާ ކަމަށެވެ. މުޖޫ އިތުރަށް ބުނީ ނަފްރަތު ކުރާ މީހުން ނަފްރަތު ކުރާނެ ކަމަށާއި އެމީހުންނަށް ފަރުވާލެއް ނުބަހައްޓާ އުފާ ބޭނުންވާ ކަމެއް ކުރަމުން ދާންވީ ކަމުގައެވެ. އަދި މިހާރު އުފާ ހުރީ އެމީހުނަށް އަތްލެވޭ ހިސާބަށް ވުރެ ދުރުގައި ކަމަށް ވެސް މުޖޫ ބުންޏެވެ.
އުފާ ރާއްޖެއިން ބޭރަށް ދާން އެހީ ހޯދަމުން ދިޔަކަން މީޑިޔާއިން ފެންމަތިކޮށްފާއި ވަނިކޮށް އުފާ ފުރައިގެން ދިއުމުން ގިނަ ބައެއްގެ އިނގިލި ފުލުހުންނަށް ދިމާކޮށް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.