ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެޅި ފިޔަވަޅާއިއެކު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލަން ޖެހިފައިވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކަމާއި ބެހޭ ފަރާތްތަކުގައި އެދިއްޖެއެވެ.

ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭނެހެން މަޒާޑާ ކެފޭގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ދަގަނޑޭ ބުނީ ދިވެހި ލީގުގެ ކްލަބްތަކުން ޕްރެކްޓިސް ހުއްޓާލައިފައި އޮތުމުން ލިބޭ ގެއްލުންތައް ކުޑަކުރެވޭތޯ މަސައްކަތް ކުރުމަކީ އޭނާ އެދޭ ކަމެއް ކަމަށެވެ. ސިއްހީ އިދާރާތަކުން މިކަމަށް އަވަހަށް ވިސްނާ ހައްލު ހޯދައިދިނުމަކީ އޭނާގެ އުންމީދެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފުޓުބޯޅައިގެ ކަންކަން ވީ އެންމެ އަވަހަކަށް ފެށޭގޮތްވުމަކީ އޭނާގެ އުންމީދެއް ކަމަށް ދަގަނޑޭ ބުންޏެވެ.

"އަޅުގަނޑު އެދެނީ ލީގާއި ޕްރެކްޓިސް ހުއްޓާލާފައި މިހެން އޮތުމުން މި ލިބޭ ގެއްލުންތައް ކުޑަކުރެވޭތޯ މަސައްކަތްކުރުން. އަދި ވީ އެންމެ އަވަހަކަށް ރަސްމީ އިދާރާތަކުން ވިސްނައި މިކަމަށް ހައްލެއް ހޯދައިދިނުމަށް. އުއްމީދަކީ ވީ އެންމެ އަވަަހަށް ޕްރެކްޓިސްތަކާއި ފުޓްބޯޅައިގެ ކަންކަން ފެށޭގޮތް ވުން،"

ދަގަނޑޭ އިތުރަށް ބުނީ މިހާލަތުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރައްވަމުން ގެންދަވާ މަސައްކަތައް ޝުކުރުއަދާކުރާ ކަމަށެވެ. ފުޓުބޯޅައަށް ދެރައެއް ލިބޭ ކޮންމެ ފަހަރަކު ފުޓުބޯޅަ އާއިލާގެ އެންމެން އެކެޗެއް ކިޔައި ކުރަމުން އަންނަ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށްވެސް ދަނގަޑޭ ބުންޏެވެ.

މީގެކުރިން މި ސީޒަން ފަށާފައިވަނީ އެޗްޕީއޭއާ އެފްއޭއެމްއާ ގުޅިގެން ހެދި ހާއްސަ ގައިޑްލައިނަކާއިއެކުގައެވެ. އެއާއިއެކު ކްލަބްތަކުން ވަނީ ގައިޑްލައިނާއި އެއްގޮތަށް ފަރިތަކުން ފަށާފައެވެ. އަދި އެއާއިއެކު ސީޒަންފަށާ ފުރަތަމަ ބުރު ނިމިފައިވާއިރު ލީގު މެދުކަނޑާލީ ދެވަނަ ބުރުގެ މެޗުތައް ފަށާފައިވަނިކޮށެވެ.

ހާއްސަ ގައިޑްލައިންގައި ހިމެނޭ ކަންތައްތަކަށް ބަލާއިރު ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް ވަންނަން ޖެހޭނީ މާސްކް އަޅައިގެންނެވެ. ދަނޑަށް ވަންނައިރު ހަށިގަނޑުގެ ފިނިހޫނުމިން ޗެކްކުރަން ޖެހޭނެ އެވެ. އަދި ކަނޑައެޅިފައިވާ ފިނިހޫނުމިނަށް ވުރެން މަތިވެއްޖެނަމަ ދަނޑަށް ނުވައްދާ ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓްކުރަން ޖެހެ އެވެ.

މީގެ އިތުރުން ޓްރެއިނިން ދަނޑަށް ދާއިރު އެއް ކްލަބް އަނެއް ކްލަބާ މަސްހުނިނުވާ ގޮތަށް ހެދުމާއި ޓްރެއިން ކުރާއިރު ކޮންމެ ޓީމަކުން ވެސް ބައިވެރިވެވޭނީ 30 ކުޅުންތެރިންނާއި 10 އޮފިޝަލުން ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުންނަށް ސެނިޓައިޒާ އާއި ފެނުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހެއެވެ. މި ހުރިހާ ކަމެއް ކްލަބްތަކުން ބަރާބަރަށް ފުރިހަމަކުރޭތޯ ބަލަން އެޗްޕީއޭ އަށް ވެސް ހާއްސަ އިހުތިޔާރެއް އޮވެއެވެ.

އެޗްޕީއޭގެ އުސޫލާ އެއްގޮތަށް މިހާތަނަށް ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅެ ނިމިފައިވާއިރު، ލީގު މެދުކަނޑާލަން ޖެހުނީ ދެ ވަނަ ބުރުގެ ދެވަނަ މެޗުތަކަށް ބައެއް ކްލަބްތަކުން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.