އާ ވޭރިއަންޓް ފެތުރިފައިވާ ގައުމްތަކުގައިވެސް އޮކްސްފޯރޑް - އެސްޓްރަޒެނެކާ ވެކްސިން ބޭނުން ކުރުން ބުއްދިވެރިކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން މިގޮތަށް ބުނެފައިވަނީ ސައުތު އެފްރިކާގައި އައު ވޭރިއަންޓެއް ފެތުރެމުންދިޔުމާއި ގުޅިގެން އޮކްސްފޯރޑް - އެސްޓްރަޒެނެކާ ވެކްސިން ބޭނުން ކުރުން ލަސްކޮށްފައިވާތީއެވެ. އެގޮތުން، ވައިރަސްގެ އައު ވޭރިއަންޓް ތަކާއި ދެކޮޅަށް އޮކްސްފޯރޑް ވެކްސިން މަސައްކަތް ކުރާނެކަން ކަށަވަރު ކުރުމަށް ހަދަމުންދާ ތަހުލީލުތަކުގެ ފުރިހަމަ ނަތީޖާ އަދި އިއުލާންކޮށްފައެއް ނުވެއެވެ.

މީގެ އިތުރުންވެސް، އޮކްސްފޯރޑް - އެސްޓްރަޒެނެކާ ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާގައި އުމުރުން 65 އަހަރުން މަތީގެ މީހުން މަދުން ބޭނުންކޮށްފައިވާތީ، ބައެއް ގައުމްތަކުން މި ވެކްސިން 65 އަހަރުން މަތީގެ މީހުން ގަޔަށް ނުޖަހަން ވަނީ ނިންމާފައެވެ. އެގޮތުން، ޖަރުމަނާއި ފްރާންސްގައި މި ވެކްސިން އުމުރުން ދުވަސްވީ މީހުން ގަޔަށް ނުޖަހަން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ އޮފް އިމުނައިޒޭޝަން ޑރ. ކެތްރިން އޯ ބްރަޔަން ވިދާޅުވީ، ސައުތު އެފްރިކާއިން ހަދާފައިވާ ތަހުލީލުތަކުގެ ނަތީޖާތަކުން ވެކްސިން މަސައްކަތް ނުކުރާން ކަށަވަރުނުވާކަމަށެވެ. އަދި، ވެކްސިންގެ ސަބަބުން 'ސިވިއަރ ޑިޒީސަސް' ހުއްޓުވޭނެކަމަށް ގަބޫލުފުޅުުކުރައްވާ ކަމަށެވެ.

މީގެއިތުރުންވެސް، އުމުރުން ދުވަސްވީ މީހުން ތަހުލީލުތަކުގައި ބޭނުންކޮށްފައިވާ މިންވަރު ދަށް ނަމަވެސް، ޒުވާނުންނާއި އެއް ނަތީޖާ ތަކެއް ތަހުލީލުތަކުން ފެނުނު ކަމަށެވެ. އެހެންކަމުން، އޮކްސްފޯރޑް - އެސްޓްރަޒެނެކާ ވެކްސިން އުމުރުން ދުވަސްވީ މީހުން ގަޔަށް ޖެހުމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގައި ވެސް މިހާރު ވެކްސިން ޖަހަން ފަށާފައިވާއިރު، ރާއްޖޭގައި މިވަގުތު ޖަހަނީ އޮކްސްފޯރޑް - އެސްޓްރަޒެނެކާ ވެކްސިންގެ ފޯރމިއުލާ ބޭނުންކޮށްގެން ސީރަމް އިންސްޓްޓިއުޓް އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ. އޮކްސްފޯރޑް - އެސްޓްރަޒެނެކާ ވެކްސިންގެ 100،000 ޑޯޒް މި މަހު ލިބޭނެކަމަށްވެސް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.