ރައީސް ނަޝީދު ވޯލްޑް ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ސަމިޓް 2021 ގައި ވަރޗުއަލް ކޮށް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އިންޑިއާއިން ނަމޫނާ ދައްކަމުން އަންނަ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި މޭރުމުން ވިދާޅުވެފައިވަނީ، މިއަދު ބޭއްވެވި ވޯލްޑް ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ސަމިޓް 2021 ގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މުޅި ދުނިޔެއިން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، ކާރބަންޑައި އޮކްސައިޑް ލެވެލް 450 ޕާރޓްސް ޕަ މިލިއަން އަދި ޓެމްޕަރޭޗަރ 1.5 ޑިގްރީސްއިން މައްޗަށް އެރުނަ ނުދީ ހިފަހައްޓަން ޖެހޭ ކަމަށާއި އެކަން ހާސިލް ކުރެވޭނީ ބޮޑެތި ގައުމްތައް ގުޅިގެން މަސައްކަތް ކޮށްގެން ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވަނީ އެ ގައުމުގައި އިޔާދަކުރުވަނިވި ހަކަތަ އުފައްދާ މިންވަރު 2030 ވަނަ އަހަރު އަންނަންވާއިރަށް 450 ގިގަ ވޮޓްއަށް އިތުރު ކުރަން ނިންމާފައިވާ ކަން އިއުލާންކޮށްފައެވެ. މި އަމާޒަށް ވާސިލްވުމަކީ އުނދަގޫ އަދި ބުރަ މަސައްކަތެއް ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އިންޑިއާގެ ސަރުކާރުން ނަމޫނާ ދައްކާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެން ބައެއް ގައުމްތަކުން އިއުލާންކޮށްފައިވާ ޓާރގެޓް ތަކާއި އަޅައިބަލާއިރު، އިންޑިއާއިން އިއުލާންކޮށްފައިވާ ޓާރގެޓަކީ އެންމެ އުންމީދީ ޓާރގެޓް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި، އިންޑިއާގެ ފަހަތުން ސައުތު އޭޝިއާގެ ގައުމްތަކުން ގުޅިގެން މަސައްކަތް ކުރާނަމަ މޫސުމާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ލީޑަރުންނަށް ވެވިދާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ، 19 ވަނަ ގަރުނުގެ ޓެކްނޮލޮޖީ ދޫކޮށް 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީ ބޭނުންކުރަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. މިކަމުގައިވެސް އިންޑިއާއިން އަންނަނީ ނަމޫނާ ދައްކަމުންނެވެ. ރާއްޖެ ފަދަ ގައުމްތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑު ގެއްލުމެއް ކުރިމަތިވި ނަމަވެސް، މިކަމާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ލީޑަރުންނަށް ވެވިދާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ވޯލްޑް ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ސަމިޓް އަކީ 2001 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ސަމިޓެކެވެ. މި ސަމިޓްގެ މި އަހަރުގެ ޝިއާރަކީ "ރީ ޑިފައިނިންގ އަވަރ ކޮމަން ފިއުޗަރ – އަ ސޭފް އެންޑް ސޭފް އެންވަޔަރަންމަންޓް ފޮ އޯލް" އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.