މޫސުމަށް އަންނަ ބަދަލުތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
އެމަނިކުފާނު މި މޭރުމުން ވިދާޅުވެފައިވަނީ، މިއަދު ބޭއްވެވި ވޯލްޑް ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ސަމިޓް 2021 ގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވެ. އެގޮތުން، މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރު ކުރާނެ ގައުމްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަންވެސް މި ބައްދަލުވުމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ދުނިޔެ ހޫނުވުމުގެ އަސަރުތައް މިހާރުވެސް ތަހައްމަލް ކުރަމުންދާ ކަމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ތިމާވެށި އިތުރަށް ހަލާކުކުރުން ހުއްޓާލަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގުދުރަތީ މާހައުލާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބަދަލުގައި ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭ
ވެށި ހަލާކުކުރުން ހުއްޓާލައި، ވިސްނުންތެރިކަމާއެކު ވެއްޓަށް ފައިދާހުރި ސްޓްރެޓަޖީތަކެއް ބޭނުން ކުރަންޖެހޭކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން، އެންމެ ފަހުގެ ސައިންސާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން، ހޫނު އަދި އެސިޑިކް ފެނުގައިވެސް މަރު ނުވާނެފަދަ މުރަކަ އުފައްދަން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ވޯލްޑް ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ސަމިޓް އަކީ 2001 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ސަމިޓެކެވެ. މި ސަމިޓްގެ މި އަހަރުގެ ޝިއާރަކީ "ރީ ޑިފައިނިންގ އަވަރ ކޮމަން ފިއުޗަރ – އަ ސޭފް އެންޑް ސޭފް އެންވަޔަރަންމަންޓް ފޮ އޯލް" އެވެ.