ކިވީ ފުރުޓް އަކީ ހުތް ފޮނި އަނގަޔަށް މީރު އަދި ވިޓަމިންސް އާއި މިނަރަސްގެ މާއްދާތަކުން މުއްސަނދިވެދައިވާ ސިއްހީ ގޮތުން ފައިދާހުރި މޭވާއެކެވެ.
އާންމުކޮށް ރާއްޖޭގައި ކިވީ ހައްދައެއް ނޫޅެއެވެ. ނަމަވެސް ކިވީ އަކީ ރާއްޖޭގެ ބާޒާރު މަތިން ފަސޭހަ ކަމާއި އެކު ލިބެން ހުންނަ މޭވާއެކެވެ.
ކިވީ އިން ލިބޭ ބައެއް ސިއްހީ ފައިދާތައް:
މާޔޫސްވުމުން ދުރުކޮށްދޭ
ކިވީގައި އައިނޯސިޓޯލް ކިޔާ މާއްދާއެއް އެކުލެވިގެންވެއެވެ. މި މާއްދާއަކީ ހަށިގަނޑުގެ އެތެރޭގެ ސެލްތަކުގެ ދެމެދުގައި މެސެޖްތައް ބަދަލުކޮށްދޭ މަސައްކަތުގައި އެހީވެދޭ މާއްދާއެކެވެ. ދުނިޔޭގެ ތަޖުރިބާކާރު ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މި މާއްދާގެ ސަބަބުން މާޔޫސްވުން ފަދަ މައްސަލަތަކަށް ހައްލެއް ލިބިގެންދެއެވެ.
ކެންސަރުން ދުރުކޮށްދިނުން:
ކިވީގައި "ގުލުޓަތިއޯން"(Glutathione) ކިޔާ މާއްދާއެއް އެކުލެވިގެންވެއެވެ. އެއީ ކެންސަރު ޖެހުމުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ. އަދި އޭގައި ތަބީއީ އެންޓި އޮކްސިޑެންޓްތައްވެސް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. މީގެ އިތުރުން ކިވީގައި މުހިއްމު ފައިޓޯކެމިކަލް އެއް ކަމުގައިވާ "ލޫޓީން"(Lutein) ހުރެއެވެ. މިއީ ފުއްޕާމޭގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ.
ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ
ކިވީ އަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާއެކެވެ. އަދި އޭގައި ގިނަ އަދަދަކަށް އެމިނޯ އެސިޑް އެކުލެވިގެންވެއެވެ. މީގެ އިތުރުން ކިވީގައި މެގްނީޒިއަމްވެސް އެކުލެވިގެންވެއެވެ. މި މާއްދާތަކަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ މާއްދާތަކެކެވެ.