މި މަސް ތެރޭގައި އިތުރު އެއް ލައްކަ ޑޯޒް ވެކްސިން ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެ އަށް ބޭނުންވާ ވެކްސިން ހޯދުމުގައި އިތުރު ގައުމުތަކާއި އެކު ސަރުކާރުން މިހާރުވެސް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ކޮވެކްސް ފެސިލިޓީގެ ވެކްސިންގެ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއަށް ފަހު މަބްރޫކް ވިދާޅުވީ، މި މަސް ތެރޭގައި ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ގެނެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި 5000 ޑޯޒް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ތަފްސީލެއް މަބްރޫކް ހާމައެއް ނުކުރައްވަ އެވެ.

އެ މައުލޫމާތު ހާމަކުރައްވާނީ ހެލްތް އެމެޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) އިން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ހެޔޮ އެދޭ ފަރާތަކުން ވަނީ ޗައިނާއިން އުފެއްދި ސިނޮފާމް ވެކްސިންގެ 5000 ޑޯޒް ހަދިޔާކޮށްފަ އެވެ. ކުރިޔަށް އޮތް ތަނުގައި އެސްޓްރާ ޒެނެކާގެ އިތުރުން ފައިޒާ ވެކްސިންގެ ވެސް ރާއްޖެ ގެންނާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. އަދި ޗައިނާއިންވެސް ވަނީ އެ ޤައުމުގެ އެއް ލައްކަ ވެކްސިން ހަދިޔާކުރުމަށް ނިންމާފައިވާކަން ހާމަކޮށްފަ އެވެ.
ރާއްޖޭގައި މިހާރު ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާކުރި ކޮވީޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކުރީ އެއްލައްކަ ޑޯޒްގެ ވެކްސިނެވެ.
ރާއްޖޭގައި މިހާތަނަށް 16,251 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.