ރާއްޖޭގައި ލިބޭ އިންޓަރނެޓްގެ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އިންޓަރނެޓް ސްޕީޑުގެ މައްސަލައަށް މި އަހަރު ތެރޭގައި ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި އަހަރު ތެރޭގައި އިންޓަރނެޓް 'ތްރޮޓުލް' ވާ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މި މައްސަލައަށް 'ޝޯޓް ޓަރމް' ހައްލެއް ގެނައުމަށް މިއަހަރު މަސައްކަތް ކުރާނެ ކަމަށެވެ.

މިއަހަރު ތެރޭގައި މަސައްކަތް ކުރެވިގެންދާނެ ކަމަށް އިންޓަރނެޓް ތްރޮޓްލް ވުމުގެ މައްސަލަ ހައްލު ކުރަން. މާނައަކީ ޕެކޭޖެއް ނަގާފައި ވަކި ސްޕީޑެއްގައި ލިބޭނެ ކަމަށް ބުނެފަ، އެ މާ އަވަހަށް ޕެކޭޖު ހުސްވާ މައްސަލަ އެއީ އޮތް ވަރަށް ބޮޑު ޝަކުވާއެއް. އަދި އެ ސްޕީޑު ދެމެހެއްޓިފަ ނުހުންނަކަން ވަކި ގޮތަކަށް ނަގާ ޕެކޭޖެއްގައި ބުނެފައި ހުންނަ ގޮތަކަށް ސްޕީޑު ދެމެހެއްޓިފައިނުވާކަމަށް ކުރެވޭ ޝަކުވާ. އެ މައްސަލަތަކަށް އެޑްރެސް ކުރުމުގެ ވިސްނުން މިވަގުތު ޝޯޓް ޓަރމް ހައްލެއް ގެނައުމަށް މިއަހަރު ތެރޭ ގިނަ މަސައްކަތްތަކެއް ގެނެވޭނެ.

އިންޓަނެޓްގެ އަގު ކުޑަ ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަސްތެރޭ އެކަން ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިންޓަރނެޓަކީ އެންމެ އަސާސީ އެއް ބޭނުމަށްވާއިރު ކޮވިޑް-19 ގެ ހާލަތާއި ގުޅުވައި އެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދުވެސް ވަނީ އިންތިހާ އަށް އިތުރުވެފައެވެ. އަދި މި ޚިދުމަތުގެ އަގުވެސް އިންތިހާއަށް ބޮޑު ވެފައިވާއިރު މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަނީ ނުހަނު ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

އިންޓަރނެޓްގެ އަގުހެޔޮ ކުރުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު އިންޓަރނެޓްގެ އަގު ހެޔޮ ނުކުރާ މައްސަލައިގައި ސަރުކާރަށާއި ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް ވަނީ އާއްމުންގެ ފާޑުކިއުން އަމާޒުވެފައެވެ.

ދުނިޔޭގެ އެންމެ އިންޓަރނެޓް އަގުހެޔޮ ލިސްޓުގައި ރާއްޖެ އުޅެނީ 116 ވަނައިގައެވެ. ރާއްޖޭގެ އިންޓަރނެޓްގެ އަގަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އިގްތިސާދު ކުރިއަރާފައިވާ ގައުމުތަކަށްވުރެ ބޮޑު އަދަދެކެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.