ހިޔާ މަޝްރޫއުގެ ފެލްޓުތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓުގައި ނެތް ފަރާތްތަކަކީ، ފެލްޓު ހައްގު ނުވާ ފަރާތްތަކެއް ނޫން ކަމަށް ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާއްމުކުރީ އިއްޔެގެ ވަގުތެއްގައެވެ. މި ލިސްޓު އާއްމު ކުރުމާއި އެކު، ފެލްޓުތައް ދީފައިވަނީ އެންމެ ހައްގުވެރި ފަރާތްތަކަށް ނޫން ކަމަށް ބުނާ އަޑު ގަދަވެގެންދިޔައެވެ. އަދި އެންމެ ހާލުގައި އުޅޭ ފަރާތްތަކުގެ އަތުން ފްލެޓު އަތުލާ ސަރުކާރުގެ އިސްވެރިންގެ އާއިލާތަކަށް ފްލެޓު ހަވާލުކޮށްފައިވާ ކަމުގެ ތުހުމަތުތައް ކުރެވެން ފެށުނެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓު ދީފައިވަނީ އެންމެ ހައްގުވެރި ފަރާތްތަކަށްތޯ ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތޯހާ ވިދާޅުވީ އެ ކޮމިޓީގެ މެންޑޭޓަކީ މީގެކުރިން ފްލެޓު ލިބުނު ފަރާތްތަކަށް ލިބުނީ 2018 ވަނަ އަހަރު އިއުލާނުކުރެވުނުއިރު ހުރި ޝަރުތުތަކާއި އެއްގޮތަށްތޯ ކަށަވަރު ކުރުން ކަމަށެވެ. އެގޮތުން ދާއިމީ ލިސްޓު އެކުލަވާލިއިރު އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައިވަނީ އެއް އުސޫލަކަށް ކަމަށެވެ.

ދަތި ހާލުގައި އުޅެމުންދާ މީހުންނަށް ވެސް ފްލެޓު ނުލިބިވާކަން ފާހަގަކުރައްވާ ތޯހާ ވިދާޅުވީ އެފަރާތްތަކަށް ފެލްޓު ނުލިބުނީ ހައްގު ނުވާތީ ނޫން ކަމަށެވެ. ނުވަތަ ދިރިއުމުގެ ފެންވަރު ރަނގަޅު ވުމުންނެއް ވެސް ނޫން ކަމަށެވެ. ތޯހާ ވިދާޅުވި ގޮތުގައި އެ ފަރާތްތަކަށް ފްލެޓު ނުލިބުނީ އެ އަދަދަށް ފްލެޓު ނެތުމުންނެވެ.

ފްލެޓު ނުލިބިވާ ފަރާތްތަކަކީ، އަޅުގަނޑުމެންނަށް ވެސް އެނގޭ ވަރަށް ހާލުގައި އުޅޭ ފަރާތްތަކަށްވެސް ފްލެޓު ނުލިބި ހުރި. އެއީ ހައްގު ނުވާތީ ފެލްޓު ނުލިވި ވަނީ އެއް ނޫން. މާބޮޑަށް ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެން ފްލެޓު ނުލިބި ވަނީއެއް ނޫން. އަޅުގަނޑު މި ފާހަގަކުރާ ކަމަކީ ވަރަށް ހާލުގައި އުޅޭ ފަރާތްތަކަށް ވެސް ފްލެޓު ނުލިބި އެބަހުރި. މި ކްރައިޓީރިއާ ކަނޑައެޅިފަ ހުރި ގޮތުން. ފްލެޓު ނުލިބި އެވަނީ އެއަދަދަށް ފްލެޓު ނެތީމަ ފްލެޓު ނުލިބި ވަނީ.

ހިޔާ މަޝްރޫއުގެ 6720 ފްލެޓަށް 23،000 ށް ވުރެ ގިނަ އެޕްލިކޭޝަން ކޮމިޓީއަށް ލިބުނުކަން ފާހަގަކުރައްވާ ތޯހާ ވިދާޅުވީ ކޮންމެ ކެޓަގަރީއެއް ވަކިކޮށްލާއިރު ފްލެޓު ލިބޭނީ ވަކި ފަރާތްތަކަށް ކަމަށެވެ. އަދި އެ ލިސްޓު އެކުލަވާލުމުގައި އެންމެ ހައްގު ވެރިންނަށް ފްލެޓު ދެވޭތޯ ކަށަވަރުކޮށްފައިވާނެ ކަމަށެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.