ގްރޭޓަރ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް ވަރަށް ބޮޑުތަނުން އިތުރުވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އެޅި ފިޔަވަޅުތަކުގެ ދަށުން ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ހުއްޓާލަން ޖެހުމާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވިދާޅުވީ މިކަމުގައި ކްލަބްތަކުގެ ކަންބޮޑުވުން އޮތް ފަދައިން އޭނާގެ ވެސް ކަންބޮޑުވުން އެބަ އޮތް ކަމަށެވެ. އަދި އެކަމަށް ހައްލެ ހޯދުމަށް ސްޕޯޓްސް މިނިސްޓްރީއިން މަސައްކަތްކުރަމުންދާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. ލީގު ހުއްޓިފައި އޮތުމަކީ އެކި ގޮތްގޮތުން ކްލަބްތަކަށާއި ކުޅުންތެރިންނަށް ވެސް ގެއްލުން ވަމުންދާ ކަމެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ލީގު މެދުކަނޑާލުމާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބައްސާމް ވަނީ ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި، ފުޓުބޯޅައަކީ އެތައް ބައެއްގެ ދިރިއުޅުމާއި ގުޅިފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން މި ސީޒަން ފަށާފައިވަނީ އެޗްޕީއޭއާ އެފްއޭއެމްއާ ގުޅިގެން ހެދި ހާއްސަ ގައިޑްލައިނަކާއިއެކުގައެވެ. އެއާއިއެކު ކްލަބްތަކުން ވަނީ ގައިޑްލައިނާއި އެއްގޮތަށް ފަރިތަކުން ފަށާފައެވެ. އަދި އެއާއިއެކު ސީޒަންފަށާ ފުރަތަމަ ބުރު ނިމިފައިވާއިރު ލީގު މެދުކަނޑާލީ ދެވަނަ ބުރުގެ މެޗުތައް ފަށާފައިވަނިކޮށެވެ.

ހާއްސަ ގައިޑްލައިންގައި ހިމެނޭ ކަންތައްތަކަށް ބަލާއިރު ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް ވަންނަން ޖެހޭނީ މާސްކް އަޅައިގެންނެވެ. ދަނޑަށް ވަންނައިރު ހަށިގަނޑުގެ ފިނިހޫނުމިން ޗެކްކުރަން ޖެހޭނެ އެވެ. އަދި ކަނޑައެޅިފައިވާ ފިނިހޫނުމިނަށް ވުރެން މަތިވެއްޖެނަމަ ދަނޑަށް ނުވައްދާ ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓްކުރަން ޖެހެ އެވެ. މީގެ އިތުރުން ޓްރެއިނިން ދަނޑަށް ދާއިރު އެއް ކްލަބް އަނެއް ކްލަބާ މަސްހުނިނުވާ ގޮތަށް ހެދުމާއި ޓްރެއިން ކުރާއިރު ކޮންމެ ޓީމަކުން ވެސް ބައިވެރިވެވޭނީ 30 ކުޅުންތެރިންނާއި 10 އޮފިޝަލުން ކަމަށް ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން ކުޅުންތެރިންނާއި އޮފިޝަލުންނަށް ސެނިޓައިޒާ އާއި ފެނުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހެއެވެ. މި ހުރިހާ ކަމެއް ކްލަބްތަކުން ބަރާބަރަށް ފުރިހަމަކުރޭތޯ ބަލަން އެޗްޕީއޭ އަށް ވެސް ހާއްސަ އިހުތިޔާރެއް އޮވެއެވެ.

އެޗްޕީއޭގެ އުސޫލާ އެއްގޮތަށް މިހާތަނަށް ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅެ ނިމިފައިވާއިރު، ލީގު މެދުކަނޑާލަން ޖެހުނީ ދެ ވަނަ ބުރުގެ ދެވަނަ މެޗުތަކަށް ބައެއް ކްލަބްތަކުން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.