ރަޝިޔާގެ ސަރުކާރު އިސްތިއުފާ ދީފިއެވެ.
އެ ގައުމުގެ ސަރުކާރު އިސްތިއުފާ ދެއްވިކަން ހާމަކޮށްފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު ޑިމިތްރީ މެދްވެދެވް އެވެ.
ޑިމިތްރީ ވިދާޅުވެފައި ވަނީ އެ ގައުމުގެ ސަރުކާރު އިސްތިއުފާ ދެއްވިކަން ރައީސް ވްލަޑިމިރް ޕޫޓިން އަށް އަންގާފައިވާނެ ކަމަށެވެ.
އަދި އެގައުމުގައި އައު ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ރައީސް ޕޫޓިން ވަރަށް އަވަހަށް ކުރައްވާނެ ކަމަށް ޑިމިތްރީ ވިދާޅުވިއެވެ.
ރަޝިޔާގެ ސަރުކާރު އެކީ އިސްތިއުފާ ދެއްވާފައި މިވަނީ ޕޫޓިން ގައުމާއި މުހާތަބުކޮށް ދެއްކެވި ވާހަކަތަކާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެގޮތުން ޕޫޓިން ވަނީ ދެން އެ ގައުމުގެ ރައީސް ކަމާއި ހަވާލުވާ ބޭފުޅަކަށް ލިބޭ ބާރުތައް ކުޑަ ކުރަން ނިންމާފައެވެ. އަދި ޕޫޓިން ވަނީ އޭނާގެ ރައީސްކަމުގެ ދައުރު ހަމަވުމުން، މަޖިލީހުގެ ތެރެއިން އޭނާ އަށް ބޮޑުވަޒީރުކަމުގެ މަގާމަށް އާދެވޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރައްވާފައި ވާކަން ނުސީދާ ގޮތަކަށް ހާމަކޮށްފައެވެ.
ރަޝީޔާ އަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރެއިން އެއް ބާރެވެ.