ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުން އެ ހުށައެޅުމަށް އޭނާ ރައްދުދެއްވައިފިއެވެ.
މަލީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް އެމްޑީޕީ ޕީޖީން ފާސްކުރީ މިދިޔަ އަހަރެވެ. އަދި މަޖިލީހަށް މި މައްސަލަ ވެއްދީ މިއަދުގެ ވަގުތެއްގައެވެ.
އޭނާގެ މައްޗަށް ހުށައެޅުނު މައްސަލައަކީ ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހަދާ އޮތް މައްސަލައެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައި މަލީހު ވަނީ މިނިސްޓްރީން ހަދަން ޖެހޭ 9 ގަވާއިދެއް އެކުލަވާލާ، އެޓަރނީ ޖެނެރަލްގެ ލަފަޔަކަށް އެދި ފޮނުއްވާފައިވާ ލިޔެކިއުންތަކުގެ ފޮޓޯ ހިއްސާ ކުރައްވާފައެވެ. މި ލިޔެކިއުންތަކުގައި ވާގޮތުން މި ގަވާއިދުތައް ހަދާ، އޭޖީ އޮފީހަށް ފޮނުވާފައިވަނީ ޑިސެމްބަރު މަހުގައެވެ.
އޭނާ ވިދާޅުވީ އަސާސެއް ނެތް ކަމެއްގެ އިލްޒާމު އަޅުވާ، އަދަބު ދޭން އުޅުމަކީ ދުސްތޫރާ ޚިލާފު ކަމެއް ކަމަށެވެ. އަދި ކުރައްވަން ޖެހޭ އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްލާފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަލީހު ވަނީ ގާނޫނަށް ވުރެ މަތީގައި ބަޔަކު އުޅެނީތޯ ސުވާލު އުފައްދަވާފައެވެ.
Asaaseh neiy kamehge ilzaamu alhuvaa adhabu dheyn ulhumakee dhusthooraa khilaafu kameh. Minivan CAM ge Board ah adhi muvazzafunnah shukuriyyaa. Kuranjehey ehves kameh nukoh noannaane. Qaanoonah vure matheega miqaumuga bayaku ulheneethoa? pic.twitter.com/zL2WwA4HQC
— Mohamed Maleeh Jamal (@maleehjamal) February 10, 2021
މަލީހު މަގާމުން ވަކި ކުރުމުގެ ވާހަކަތައް އަނެއްކާވެސް ދެކެވެން ފެށީ މުއާސަލާތީ ހިދުމަތްތަކާއި އިންޓަރނެޓްގެ ހިދުމަތް ރެގިއުލޭޓް ކުރުމާއި ގުޅޭ ކަންކަމުގައި ކޮމިއުނިކޭޝަން މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށައަޅާ ބަހުސް ކުރަން ފެށުމުންނެވެ. މި ގަރާރަށް ބަހުސް ކުރައްވަމުން ގިނަ މެމްބަރުން ވަނީ މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވާލައްވާފައެވެ.