ގއ. މާމެންދޫ ގައި ހޯމަ ދުވަހުގެރޭ ހިނގި މާރާމާރީ ގައި ތޫނު އެއްޗަކުން ހަމަލާދީ މާރަލި އުމުރުން 17 އަހަރު އަހުމަދު އުދައްޔުގެ ހަށިގަނޑު ރޭ މާލެ ގެނެސްފި އެވެ.

އުދައްޔުގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޕޯސްޓްމޯޓަމް ހަދަން ބޭރަަށް ފޮނުވަން ވެގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އުދައްޔު މަރާލާފައިވަނީ އޭނާގެ ގައިގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ އެވެ. މާމެންދޫ ސިއްހީ މަރުކަޒުން ބުނެފައިވާ ގޮތުން އޭނާގެ ބުރަ ކައްޓަށް ހަރާލާފައިވާ ހަތަރު އިންޗީގެ ވަޅިއެކެވެ.

އޭނާ އަށް ހަމަލާދޭން ހަތަރު ވަރަކަށް މީހުން ބައިވެރިވެފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ ޖަޒީރާ އަށް މައުލޫމާތު ދީފަ އެވެ.

މި މާރާމާރީގައި އުދައްޔުގެ ބޭބެ އަށް ވެސް ޒަހަމްތަކެއްވެ އޭނާ އަށް ދަނީ ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ރަނގަޅެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މާރާމާރީ ހިންގައި ލޭއޮހޮރުމަކަށް ގޮސްފައިވަނީ އަންހެން ކުއްޖެއްގެ މައްސަލާގައި އެވެ. އެ ރަށު މީހުން ބުނާ ގޮތުން މި ދެ ގޭންގުގެ ދެމެދު ދޭތެރެ ދޭތެރެ އިން ހަމަނުޖެހުންތައް ހިނގައެވެ.

އަދި އެތައް ފަހަރެއްގެ މަތިން ފުލުހުންގެ ސަމާލުކަމަށް އެކަންތައް ރައްޔިތުން ގެންދިޔަ އެވެ. އެކަމަކު ފުލުހުންގެ ފަރާތުން އެންމެ އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށް ރައްޔިތުން ވަނީ ބުނެފައެވެ.

އުދައްޔު އަށް ހަމަލާ ދިން މީހުން އެ ވަގުތު ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި، އޭނާ އަށް ހަމާލާ ދީފައިވަނީ ފަސް މީހުންގެ ގްރޫޕަކުން ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ. ހަމަލާ ދިން މީހުންގެ ތެރޭގައި އޭނާގެ ގާތް އެކުވެރިއަކު ވެސް ހިމެނެ އެވެ.

ފުލުހުންގެ ޓީމެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އާބާދީ ގައި ހާއެއްހާ މީހުން ދިރިއުޅޭ މާމެންދޫ ގައި ތިބެނީ އެންމެ ދެ ފުލުހުންނެވެ. ގްރޫޕް ތެރޭ ހަމަނުޖެހުން ހިނގި ވަގުތު އެކަން ހުއްޓުވަން ފުލުހުން މަސައްކަތް ކުރި އެވެ. އެކަމަކު ވަޅިން ހަމަލާ ދީފައިވަނީ އޭގެ ފަހުން ރަށުގެ އެހެން ދިމާއަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.