ރައްޔިތުންނަށް ލިބެން ޖެހޭ ޚިދުމަތެއް ނުލިބޭނަމަ ނުވަތަ ގޯހުން ކަމެއް ހިނގާ ނަމަ ސަރުކާރު ޖަވާބު ދާރީ ކުރުވާނެ އިދިކޮޅު ފަރާތެއް ނެތުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރ އަބްދުﷲ ޝަހީމް އަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން، ޤާނޫނުތަކަށް ބެލުމެއްނެތި ރައްޔިތުންނަށް ގެއްލުންވާގޮތަށް ކަންތައްތައް ތަރުތީބުކޮށްފައިވާތީ، އެ ކަންކަން ނިމުމަކަށް ގެނައުމަށް މަޖިލީހަށް ހުށައަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވާ، ޒިންމާދާރު ކުރުވުމަށް 'އިދިކޮޅު' ބަޔަކު ތިބެން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ރައްޔިތުންނަށް ލިބެންޖެހޭ ޒަރޫރީ ބޭނުމެއް ނުލިބޭނަމަ، އެ ކަންކަމާއި ގުޅިގެން ސުވާލުކޮށް، ރައްޔިތުންގެ ސަމާލުކަމަށް އެކަންކަން ގެނައުމަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިދިކޮޅުގެ ޒިންމާ އަދާކުރަމުން ނުދާތީ، ވެރިކަން ހިންގަމުން، އެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތްވެސް ކުރަންޖެހެނީ ސަރުކާރަށް ކަމަށެވެ.

މިކަމަކީ މިއަދު ކޮންމެހެން އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް . މިއީ އަޅުގަނޑުމެން ހިތާމަކުރާ ކަމަކީ، އިދިކޮޅު ފަރާތެއް މި ރާއްޖޭގައި ނެތުން. މިއީ އަޅުގަނޑުމެން ކަންބޮޑުވާ މައްސަލައެއް. މި ފަދަ މައްސަލަތައް ރައްޔިތުންގެ ސަމާލުކަމަށް ގެނެސް، މިކަންކަން ކޮށްދިނުމަކީ އަސްލު ހަގީގަތަށް ބުނާނަމަ އަޅުގަނޑުމެން މި މަސައްކަތް ކުރާ ސިޔާސީ ވެށީގައި އެއީ އިދިކޮޅު މީހުން ކުރާ ކަމެއް. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން މި ޖެހެނީ ވެރިކަން ހިންގަން ވެސް، ވެރިކަމުގެ ނިޒާމު ރަނގަޅުކުރަންވެސް.

މިއަދު ބަހުސް ކުރެވުނު މައުލޫއާއި ގުޅިގެން އޭނާ ވިދާޅުވީ މި ސަރުކާރުގެ ވަޒީރަކު ރައްޔިތުންނަށް ލާބައާއި މަންފާވާ ކަންކަން ނުކޮށް ހުންނަ ނަމަ، އެ ބޭފުޅަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ. އަދި އެބޭފުޅަކު މަގާމުން ދުރުކުރަން ކުރަން ޖެހޭ ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.