ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު އިންތިޚާބުވާ ފަރާތްތަކަށް ދޭން ސަރުކާރުން ނިންމާފައިވާ އުޖޫރަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއުލާން ކުރައްވައިފިއެވެ.
ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް ވަނީ ކައުންސިލަރުންގެ މުސާރައަށް އަންނާނެ ބޮޑު ކުރިއެރުން ހާމަކުރައްވާފައެވެ.
"ކައުންސިލަރުންގެ މުސާރައާއި ބެހޭގޮތުން ސުވާލުކުރެއްވީ. މިހާރު ޤާނޫނުގައި އޮތްގޮތަށް ސަރުކާރުން ވަނީ އަދަދުތަކެއް ކަނޑައަޅާފައި، އޭގައި ނިންމުން ވާނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި. ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ފޮނުވި މުސާރަ ޝީޓްގައި އޮންނާނީ ސިޓީގެ މޭޔަރަކަށް 40000ރ، ޑެޕިއުޓީ މޭޔަރަކަށް 35000ރ، ސިޓީ ކައުންސިލް މެމްބަރަކަށް 30000ރ، އަތޮޅު ކައުންސިލް ރައީސްއަކަށް 28000ރ، ރަށު ކައުންސިލްގެ ރައީސްއަކަށް 23000ރ، ޑެޕިއުޓީއަށް 15000ރ އަދި މެންބަރަކަށް 12000ރ." ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހް ވިދާޅުވީ ކައުންސިލަރުންގެ އެންމެ ބޮޑު ޝަކުވާއަކީ މުސާރައިގެ ޝަކުވާ ކަމަށެވެ.