ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ޑރ އޭކޭ އަބްދުލް މޮމެން އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅެގެ ތެރެއިން އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑރ. އޭ ކޭ މޮމެންއާއެކު ބައްދަލުކުރައްވައި، ދެޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވައިފި އެވެ.

މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އެކި ދާއިރާތަކުން ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އެގޮތުން ސިއްހީ އަދި ތައުލީމީ ދާއިރާއަށް ބަންގްލަދޭޝްއިން ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، މެޑިސިން ކިޔަވާ ދިވެހި ދަރިވަރުން އިންޓަރންޝިޕް ހެދުމަށް ބަންގްލަދޭޝް ޚިޔާރުކުރާކަން ފާހަގަކުރެއްވި އެވެ. އަދި ބަންގްލަދޭޝްގައިވެސް ކޮވިޑް ފެތުރެމުންދަނިކޮށް، ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމާއެކު ބަންގްލަދޭޝްގެ ދީލަތިކަން ހާމަކޮށްދިންކަމަށްވެސް ވިދާޅުވި އެވެ.

އޭގެއިތުރުން ދެޤައުމުގެ ދެމެދުގައި ބޭއްވުނު މަޝްވަރާތަކުގައި ދެޤައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރުކޮށް ތައުލީމީ، ސިއްހީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނުކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުން އަދާކުރާ ރޯލުގެ މުހިއްމުކަން ފާހަގަކުރައްވައި، ރާއްޖޭގައި ލިޔެކިޔުން ނެތި އުޅެމުންދާ މަސައްކަތްތެރިންގެ އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް އެފަދަ ފަރާތްތައް ރެގިއުލަރައިޒް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަފަ އެވެ. އަދި އެނބުރި ބަންގްލަދޭޝްއަށް ދާން ބޭނުންވާ މިފަދަ ފަރާތްތައް އަނބުރާ ގެންދިޔުމުގައި ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް މިނިސްޓަރ މޮމެންއަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

މިނިސްޓަރ ޝާހިދު ވަނީ ބަންގްލަދޭޝްއަށް ވަޑައިގަތުމަށް ދެއްވި ދަޢުވަތަށާއި، ބަންގްލަދޭޝްއިން އަދާކުރެއްވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ފަރާތްޕުޅުން ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރާކަމަށް ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުމަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ބޭއްވެވި މަޝްވަރާތަކުގައި ވާހަކަ ދެކެވުނުކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ދެ ޤައުމު ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތަކުގައި ވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވަފަ އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.