އިރާނުން ހަމަލާދީ ވައްޓާލި ޔޫކްރޭންގެ ފްލައިޓަށް އީރާން ސިފައިން ދެ މިސައިލެއް އަމާޒުކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
176 މީހުން ތިބި ފްލައިޓަށް މިސައިލް ހަމަލާއެއް ދެވުނީ އޮޅިގެން ކަމަށް އީރާނުން ބުނެފައިވާއިރު، އެމެރިކާގެ "ނިއުޔޯކް ޓައިމްސް" އިން ބުނީ ޔޫކްރޭންގެ ފްލައިޓަށް އީރާނުން ދެ މިސައިލް ހަމަލާ ދިންކަން އެ ނޫހަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި ފޮނުވާލި ދެ މިސައިލް ވެސް ފްލައިޓަށް އަމާޒުކޮށްފައި ވަނީ ޔޫކްރޭން އިންޓަނޭޝަނަލް އެއާލައިންގެ ފްލައިޓް ވެއްޓުނު ސަރަހައްދާއި އަށް މޭލު ދުރުގައި ހުރި އިރާން ސިފައިންގެ އަސްކަރީ މަރުކަޒަކުން ކަމަށްވެއެވެ.
މިސައިލް ހަމަލާތަކަށް ފަހު ފްލައިޓް އަނބުރާލާފައި ގޮސް ތެހެރާން އެއާޕޯޓްގައި ޖެއްސުމަށް މަސައްކަތް ކޮށްފައިވި ނަމަވެސް ފްލައިޓް އަނބުރާލިތަނުން ވަނީ ވެއްޓިފައެވެ.
އީރާން ސަރުކާރުން މިހާރު ވަނީ މިސައިލް ހަމަލާ ދިން މައްސަލަ އާއި ގުޅިގެން ހާއްސަ ތަހްޤީޤެއް ފަށާ، މައްސަލައިގައި ޒިންމާ ނަގަންޖެހޭ ބައެއް މީހުން ހައްޔަރުކޮށްފައެވެ.