އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އިންޓަ މިލާން އަތުން އެއްވަރުވެ ޔުވެންޓަސް ފައިނަލަށް ދަތުރުކޮށްފިއެވެ.
ޔުވެންޓަސް ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ. އިންޓަގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއަކުން ޔުވެންޓަސް ވަނީ ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިންޓަ މިލާނުން ވަނީ ޔުވެންޓަސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މި ހާފުގައި އިންޓަ މިލާނުގެ ލައުޓާރޯ މާޓިނޭޒް އަށާއި، އިތުބާރު ފޯވާޑް ރޮމެލޫ ލުކާކޫއަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މީގެއިތުރުން ޔުވެންޓަންސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ނުރައްކާތެރި ދެ ހަމަލާއެއް އިންޓަގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރިއިރު، މެޗުގެ 58 ވަނަ މިނެޓުގައި ރޮނާލްޑޯ އަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ 8 މިނެޓުފަހުން އިންޓަގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ރޮނާލްޑޯ ފޮނުވާލި ހަމަލާ އިންޓަގެ ކީޕަރު ވަނީ ހުށިޔާރުކަމާއިއެކު ދިފާއު ކޮށްފައެވެ. މެޗުގެ ފަހު 15 މިނެޓު އިންޓައިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުގެ އަޝްރަފް ހަކީމީ، ލުކާކޫ އަދި މާޓިނޭޒްއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ޔުވެންޓަސް އިޓާލިއަން ކަޕްގެ ފައިނަލަށް ދަތުރު ކޮށްފައިވާއިރު، ފައިނަލުގައި ޔުވެންޓަސް ބައްދަލުކުރަން ޖެހޭނީ އެޓަލާންޓާ އަދި ނަޕޯލީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އެޓަލާންޓާގެ ދަނޑުގައި ކުޅޭ މި މެޗު ކުޅޭނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަނޑިން 00:45 ގައެވެ.