މި އަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އަންދާޒާކުރައްވައިފިއެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރުމަށްފަހުއެވެ. މިކަމަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ މަޖިލީހުން 1 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރި ނަމަވެސް ގިނަ ގައުމުތަކުގެ ހާލަތު ރަނގަޅުވެ، ވެކްސިން ދޭން ފެށުމާއި އެކު އެ އަދަދު މުރާޖާކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު އަންދާޒާ ކުރެވެނީ ރާއްޖެއަށް މިއަހަރު 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ.
އޭގެ ފަހުން އަޅުގަނޑުމެން އޭރު އުއްމީދުކުރި ވަރަށް ވުރެ އަވަހަށް ވެކްސިން އައިމަ އަނެއްކާ އަޅުގަނޑުމެން އައިމަ ވާނީ ރިވައިޒްކޮށްފަ. އަޅުގަނޑުމެން މިހާރު އަންދާޒާ މިކުރަނީ މިއަހަރު ނިމޭއިރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް.
މިނިސްޓަރ ވިދާޅުވީ މިފަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ހިސާބު ޖަހާއިރު ގަސްތު ކުރައްވަނީ ބެޑް ނައިޓު ގުނުމަށް ކަމަށެވެ. އެއީ ބެޑްނައިޓާއި ލިބޭ އާމްދަނީއާއި ގުޅިފައިވާތީ ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި މިއަހަރަށް ލަފާ ކުރާ އަދަދުތައް މަޖިލީހާއި ހިއްސާ ކުރައްވަމުން މިނިސްޓަރ ވަނީ 10 މިލިއަން ބެޑް ނައިޓްސް ލިބޭނެ ކަމަށް އަންދާޒާ ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ޔޫރަޕުގެ ގައުމުތައް ބަންދުކުރުމާއި އެކު މި އަހަރުގެ ފުރަތަމަ ދެ މަހު އަންދާޒާ ކުރި މިންވަރަކަށް ފަތުރުވެރިން ރާއްޖެ އައިސްފައިނުވާކަމަށެވެ. އެހެންނަމަވެސް ވެކްސިން ދޭން ފެށުމާއި އެކު އުއްމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.